އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދިޔަ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" (ދަ ގެމްބިއާ ވާސަސް މިޔަންމާ) މައްސަލައިގައި އެ ކޯޓުން ނެރުނު ޙުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިސީޖޭގެ މި ޙުކުމަކީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރުމުގައި އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

Ad
rt

ހަމައެއާއެކު، މިއީ އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމުގައި އެ ކޯޓުން އަދާކުރާ ހައްސާސް ދައުރު ހާމަކޮށްދިން ކަމެއް ކަމަށާއި، މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި މައްސަލައަކީ ދިވެހިރާއްޖެއިން ވެސް ތަދައްޚުލުވެފައިވާ މައްސަލައެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި ނަސްލު ނައްތާލުމުގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެއިތުރުން، މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމަށާއި، އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންސާނީ ކަރާމާތަށް ފުރިހަމައަށް އިޙްތިރާމް ކުރުމާއި، ކަންކަމުގައި ޖަވާބުދާރީ ކުރުވުމާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުން ފަދަ މުހިންމު އަސާސްތައް ކުރިއަށް ނެރުމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.