ރަސްމާލޭ މަޝްރޫޢު ދިފާޢުކުރައްވައި، ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ރާއްޖެ ނިކަމެތިކަންމަތީގައި ބޭއްވުމަށް ޖަހާ މަޅިއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ ތިމާގެ ވިސްނުން ނޭފަތު ކުރިއަށް ވުރެ ދުރަށް، ރަށު ގޮނޑުދޮށުން ވެސް ދުރަށް، އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ މަލްޓިކަލްޗަރަލް އަދި ލިބަރަލް ވިސްނުމުގެ ޕާޓީއެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.

އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމާއި ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައެއް ފަރާތްތަކަށް ފާޑުވިދާޅުވަމުން، ރާއްޖޭގެ ތަނަވަސް ޢާއިލާތަކުގެ ބޭބޭފުޅުން ލަންކާގަޔާއި މާލޭގައި ބިމާއި ގެދޮރު ހުރެ، އަދި އެ ބޭފުޅުންގެ ދަރިން ވެސް ބޭރު މީހުންނާ ކައިވެނިކޮށްގެން ބައިތިއްބަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، އެފަދަ ބޭފުޅުން "ޓަކާޓަކާ" ގޮވަމުން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއްގެ އިތުރުން ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން ޢަބްދުﷲ އިސްވެ ހުންނަވައި ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ދެކޮޅަށް ސިޔާސީ ހަރަކާތްތަކެއް ހިންގަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، މި ޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެ ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި ވެސް މެއެވެ.