ކެނެޑާގައި އަގުބޮޑު ކާރުތައް ވަގަށް ނަގައިގެން ބޭރުކުރަމުންދިޔަ ބޮޑު ނެޓްވޯކަކާ ދެކޮޅަށް ހިންގި ތަހުގީގަކަށް ފަހު، ނައިޖީރިއާގެ އަށް މީހުން ހިމެނޭހެން 12 މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ނެޓްވޯކުން ވަގަށް ނަގާފައިވާ 4.5 މިލިއަން އެމެރިކާ ޑޮލަރު (3.4 މިލިއަން ޕައުންޑް) ގެ އަގުހުރި 96 އުޅަނދެއް ފުލުހުން ވަނީ ހޯދައިފައެވެ.

Ad
rt

އޮންޓާރިއޯގެ ޕީލް ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި، މި އުޅަނދުތައް ފެނިފައިވަނީ ކާގޯ ކޮންޓޭނަރުތަކުގައި ފޮރުވައި، ކެނެޑާގެ ބަނދަރުތައް މެދުވެރިކޮށް ހުޅަނގު އެފްރިކާއަށް އެކްސްޕޯޓް ކުރުމަށް ތައްޔާރުކޮށްފައި ވަނިކޮށެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ޖުމްލަ 231 ދައުވާއެއް އުފުލާފައިވާއިރު، މި ނެޓްވޯކުގައި ހިމެނޭ އިތުރު ބަޔަކު ހައްޔަރުކުރުމަށް ކޯޓު އަމުރުތައް ވެސް ވަނީ ނެރެފައެވެ. އަދި ޝަރީއަތުގެ މަރުހަލާތައް ނިމުމުން، މީގެ ތެރެއިން ބައެއް މީހުން ގައުމުން ޑީޕޯޓްކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

މަސްތަކެއް ވަންދެން ފުލުހުން ހިންގި މި ބޮޑު ތަހުގީގު ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެއީ ކެނެޑާގެ ބޯޑާ އެޖެންސީއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވަގަށް ނަގާފައިވާ އުޅަނދުތައް ރައްކާކުރަން ބޭނުންކުރި ގުދަނެއް ދެނެގަނެވުމާ ގުޅިގެންނެވެ. ތަހުގީގު ޓީމުތަކުން ބުނާ ގޮތުގައި މި ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅުނީ ފަސް މީހުންނެވެ. އެ މީހުން އުޅަނދުތައް ވަގަށް ނެގުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ގައުމުން ބޭރުކުރުމުގެ ކަންކަން ވިލަރެސްކުރިއިރު، ދެން ތިބި މީހުން އަދާކުރީ އެހީތެރިވުމުގެ ދައުރެކެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ، އުޅަނދުތައް ކޮންޓޭނަރުތަކަށް އެރުވި ތަންތަނާއި، ކޮންޓޭނަރުތައް ދަތުރުކުރި ގޮތް އަދި "ރީ-ވިން" (re-VIN) ކޮށްގެން އުޅަނދުތައް އުފުލި ގޮތް ތަހުގީގަށް ވަނީ އެނގިފައެވެ. "ރީ-ވިން" ކުރުމަކީ އުޅަނދު ދެނެގަތުމަށް ބޭނުންކުރާ ވެހިކަލް އައިޑެންޓިފިކޭޝަން ނަންބަރު (ވީއައިއެން) އޮޅުވާލައި، އުޅަނދުގެ އަސްލު ވަންހަނާކުރުމަށް ކުރާ ގާނޫނާ ހިލާފު އަމަލެކެވެ.

ކެނެޑާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ރޭވިގެން ހިންގާ މިފަދަ ވައްކަންތަކަކީ އިތުރުވަމުން އަންނަ ބޮޑު ނުރައްކަލެކެވެ. އަދި މިއީ ފުޅާ ދާއިރާއެއްގައި ހިންގާ ކުށްކުރާ ނެޓްވޯކްތަކާ ގުޅިފައިވާ ކަމެކެވެ. ޕީލް ރީޖަނަލް ޕޮލިސްގެ ޑެޕިއުޓީ ޗީފް ނިކް މިލިނޮވިޗް ވިދާޅުވީ، ރޭވިގެން ހިންގާ އުޅަނދު ވައްކަމަކީ "އާއިލާތަކަށް ބިރުވެރިކަން ގެނުވައި، ފުޅާ ދާއިރާއެއްގައި ކުށްކުރާ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ނެޓްވޯކްތަކުން ހިންގާ އަނިޔާވެރި ވިޔަފާރި މޮޑެލްއެއް،" ކަމަށެވެ.

އުތުރު އެމެރިކާ އާއި ޔޫރަޕުން ވަގަށް ނަގާ އުޅަނދުތައް އެފްރިކާގެ ގައުމުތަކަށް އެތެރެކުރުމަކީ ތަންފީޒީ އިދާރާތަކަށް ދިގު މުއްދަތަކަށް ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ. މިދިޔަ އަހަރު ވެސް އިންޓަޕޯލުން ވަނީ ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުން ވަގަށް ނެގި 100 އަށް ވުރެ ގިނަ އަގުބޮޑު އުޅަނދު ހޯދައި، ހުޅަނގު އެފްރިކާއަށް އުޅަނދު އެތެރެކުރާ ނެޓްވޯކެއް ފަޅާއަރުވާލައިފައެވެ. މީގެ އިތުރުން ހަމަ އެ އަހަރު ގާނާގެ ސަލާމަތީ ބާރުތަކުން ހިންގި ވަކި އޮޕަރޭޝަނެއްގައި، ޔޫރަޕާއި އުތުރު އެމެރިކާއިން ވަގަށް ނަގާފައިވާ އަގުބޮޑު 43 އުޅަނދެއް އަތުލައިގަތެވެ. އެ އޮޕަރޭޝަން ކާމިޔާބުވީ ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރުވުމުން ކަމަށް ގާނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.