މަސްތުވާތަކެތިން ސައްތައިންސައްތަ ސަލާމަތްވެފައިވާ ފުރަތަމަ ރަށަކަށް ނ. ފޮއްދޫ ހެދުމަށްޓަކައި، ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމަށް އެ ރަށުގެ ކައުންސިލަށާއި ރައްޔިތުންނަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އިއްޔެ ގޮވާލައްވައިފިއެވެ.
މިއީ މިއަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އަމާޒެއް ކަނޑައަޅައިގެން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
ފޮއްދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްތަކަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްވެފައިވާ ރަށްތަކަކަށް ހެދުމަށް ފުލުހުން މިއަހަރު ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ ފުލުހުންގެ މި އަހަރު ހާއްސަ އަމާޒަކަށް އެބަ މަސައްކަތްތަކެއް ކުރައްވާ ދިވެހިރާއްޖޭގެ ބައެއް ރަށްތަކަކީ ސަތޭކަ ޕަސެންޓު މަސްތުވާތަކެތިން ސަލާމަތްވެފައި އޮތް ރަށްތަކެއްގެ ގޮތުގައި ހެދުމަށްޓަކައި. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުންނަމަ މި ރަށް ވެގެންދާނީ އެ މަސައްކަތް ކުރަން ރާވާ އެއް ރަށަކަށް،" ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވައި، މުޖުތަމައެއްގެ ތެރެއިން ވަކި ބާވަތެއްގެ ކުށެއް އެއްކޮށް ނައްތާލެވޭނީ މުޅި މުޖުތަމައު އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އިޙްސާން ވިދާޅުވިއެވެ. މީގެ ކުރިންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ރަށްތަކާއި، އާބާދީ ކޮންޓްރޯލްކުރުމާއި އެކި ބަލިތަކުން ސަލާމަތްވުމުގައި ރާއްޖޭގެ ރަށްތަކުން ކާމިޔާބީ ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުން އެ އަޒުމުގައި މަސައްކަތްކޮށްފިނަމަ ފުލުހުން އެކަން ކާމިޔާބުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، "މި ރަށުގެ ރައްޔިތުން މިކަމުގައި އަޅުގަނޑުމެންނާއެކުގައި، މި މައިންޑްސެޓުގައި، މި ވިސްނުންފުޅުގައި މަސައްކަތްކުރައްވައިފިއްޔާ މި ތިއްބެވި ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ،" ކަމަށެވެ.
ފޮއްދޫގައި ފުލުހުންގެ މަރުކަޒު 16 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވިއިރު، މިއީ 26 ގަޑިއިރުގެ ތެރޭގައި ހުޅުވުނު ތިންވަނަ ފުލުހުންގެ މަރުކަޒު ކަމަށާއި، މި މަޝްރޫއުގެ ދަށުން މަރުކަޒު ހުޅުވުނު ދިހަވަނަ ރަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުގައި 20 މަސް ދުވަސް ވީއިރުވެސް އަމަލީ މަސައްކަތް ނުފެށި ހުރި ނަމަވެސް، ފޮއްދޫގައި މި މަސައްކަތް މިހާ އަވަހަށް ނިމިގެންދިޔައީ ރަށުގެ ވެރިންނާއި ރައްޔިތުން ދެއްވި އަހަންމިއްޔަތުކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ތެރެއިން މަރުކަޒުތައް ހުޅުވިގެންދިޔަ ރަށްތަކުގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ބައިވެރިވުމެއް ފެނިގެންދިޔަ އެއް ރަށަކީ ފޮއްދޫއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ ހޭދައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާކެޓް ރޭޓުން ބަލާނަމަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާއަށް އަރާ މި މަޝްރޫއުގެ ހަރަދު ކުޑަކުރެވުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފުލުހުންގެ އިންޖިނިއަރުންގެ ޓީމުތައް ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ. އަދި މިވަގުތު އަމަލީ ގޮތުން ހިނގަމުންދާ ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަޝްރޫއުތަކަށް ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހާއްސަކޮށްގެން ހަރަދުކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ މަރުކަޒު ހުރީ އެންމެ 17 ރަށުގައެވެ. އަދި 170 ރަށުގައި އަމިއްލަ މަރުކަޒެއް ނެތްއިރު، 60 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ ހިދުމަތް އެއްގޮތަކަށްވެސް ގާއިމުވެފައެއް ނެތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތް ދެމުންދާ ކަމަށާއި، ދާއިމީ މަރުކަޒުތައް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަށްރަށުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުތަކުގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "ފުލުހުންގެ މަރުކަޒެއް ހުރުމުގެ ހަމައެކަނި ބޭނުމަކީ އިރުއިރުކޮޅާ ކުށްވެރިން ހައްޔަރުކުރުމެއް ނޫން. ކުށެއް ނެތް މުޖުތަމައެއްގައިވެސް މި ސްޓޭޝަނުން ކުރާނެ ވަރަށް ބައިވަރު މަސައްކަތްތައް ހުންނާނެ،" ކަމަށެވެ. އެގޮތުން ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އެކި ކަންކަމުގައި ރައްޔިތުންނަށް އެހީތެރިވުމާއި، ކާރިސާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކުށުގެ ވެށި ނެތް މުޖުތަމައެއްގެ ގޮތުގައި ރަށް ދެމެހެއްޓުމަށް ފުލުހުން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ އިތުރުން ނ. ފޮއްދޫ ކައުންސިލްގެ ރައީސާއި މެންބަރުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ވަޒީރު ވަނީ މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމުމުގައި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓާއި، އިންޖިނިއަރުންނާއި، އެމްޓީސީސީ އަދި ފޮއްދޫ ކައުންސިލާއި ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!