ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ސީޕްލޭން ޕްލެޓްފޯމް މަތިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޒުވާނެކެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި، ދ. އަތޮޅު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، ޗާނދަނީވިލާ، ޙުސައިން ޒަމީރު ނާޞިރު (26އ) އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެ ރިސޯޓުގެ ސީޕްލޭން ޕްލެޓްފޯމް މަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ވަނީ ފެނިފައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ އަތުން ފެނުނު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 27 ގުރާމު ހުއްޓެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން ޒަމީރު ނާޞިރުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ދަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.