ނ. މާފަރާއި އެ އަތޮޅު ފޮއްދޫގައި އަލަށް ޢިމާރާތްކުރި ފުލުހުންގެ މަރުކަޒުތައް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ރަށްރަށުގައި ދެމުންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މި ދެ ރަށުގައި ވަކިވަކިން ބޭއްވި ޚާއްޞަ ރަސްމިއްޔާތުތަކުގައި ފުލުހުންގެ މަރުކަޒުތައް ރަސްމީކޮށް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ޢިމާރާތްކުރި މި ދެ ޕޮލިސް ސްޓޭޝަނުގެ ޢަމަލީ މަސައްކަތް ފަށައި، ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މީގެކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވުނު ރަށްރަށުން ފެނިގެންދިޔަ ވަރަށް ރިވެތި ނަމޫނާއަކީ އެ ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ، ކުށްކުރުން މަދުވެގެން ދިޔުން ކަމަށެވެ. އަދި ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަޒީރު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މުޖުތަމަޢުގެ ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން އެންމެ ފުރިހަމައަށް ޤާއިމުވެގެންދާނީ ރައްޔިތުންވެސް ފުލުހުންނާ އެކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ މަޢުލޫމާތުތައް ގަވާއިދުން ފޯރުކޮށްދިނުމަށާއި، ފުލުހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ދިނުމުގެ އިތުރުން، ފުލުހުންގެ ޚިދުމަތަށް އެދޭ ޙާލަތްތަކުގައި ވީހާވެސް އަވަހަކަށް އެ ޚިދުމަތްތައް ހޯދުމަށްވެސް ވަޒީރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ނ. އަތޮޅުގައި އެންމެ ފުރަތަމަ ފުލުހުންގެ މަރުކަޒެއް ޤާއިމުކުރީ 1999 ވަނަ އަހަރު ކަމަށާއި، އޭރު އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ ސްޓޭޝަންތައް ޤާއިމުވެފައި ނެތް ކަމަށެވެ. ނަމަވެސް 2026 ވަނަ އަހަރުގެ މިއަދާ ހަމައަށް އައިއިރު އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ ޚިދުމަތް ދެމުންދާ ކަމަށާއި، އަދި މިހާރު ހުޅުވެމުން މިދަނީ ފުލުހުން ބޭނުންވާ ގޮތަށް ޚާއްޞަކޮށް ޑިޒައިންކޮށްގެން ބިނާކޮށްފައިވާ މަރުކަޒުތައް ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
މި ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންގެ އިތުރުން ރީޖަން ކޮމާންޑަރާއި އަތޮޅު ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދެ ރަށުގެ ކައުންސިލް މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންވެސް މި ޙަފްލާތަކުގައި ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!