ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހުގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކާމިޔާބުކަމާއެކު ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާކުރަތަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ ރ. މާކުރަތު، މަލަ، އުމުރުން 40 އަހަރުގެ ޠަލްޙަތު ނަސީމާއި، އެ ރަށު ފަލަކު، އުމުރުން 23 އަހަރުގެ އަޙްމަދު ޝާފިޢު އަދި އެ ރަށު ބަނބުކެޔޮގަސްދޮށުގެ، އުމުރުން 46 އަހަރުގެ އިސްމާޢީލް ރަޝީދެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި މާކުރަތަށް ފޭބި ވަގުތު، އެ ރަށު ބަނދަރު ސަރަހައްދުންނެވެ. އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ވަނީ ފެނިފައެވެ.
ފުލުހުން އަތުލައިގަތް މި ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގުރާމު ހުރި ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޠަލްޙަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!