ސްޕެނިޝް ލަލީގާގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާ މޮޅުކޮށްދިނީ ދެ ލަނޑުވެސް ކާމިޔާބުކޮށްދިން ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒްއެވެ.

Ad
rt

މި މޮޅާއެކު ކުޅުނު 12 މެޗުން ލިބުނު ޕޮއިންޓާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ ތިން ޕޮއިންޓު ކުރީގައެވެ. އަދި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ ފަސް ޕޮއިންޓު ކުރީގައެވެ. މި ނަތީޖާއާއެކު ބާސެލޯނާއިން ވަނީ ލީގުގައި އެތުލެޓިކޯގެ ދަނޑުގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވެ، އެ ކްލަބުގެ ތާރީޚުގައި އަލަށް މިފަދަ ރެކޯޑެއް ހަދައިފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު، 10 ވަނަ މިނެޓުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ ލަނޑު ޖަހައި ކުރިހޯދައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް ވާތްފަރާތުން ނަގައިދިން ހުރަހަކުން ގޯލާ ވަރަށް ކައިރިން ވޮލީއަކުން ޖޫލިއާނޯ ސިމިއޯނީއެވެ. ޖެހިޖެހިގެން އަށްވަނަ މޮޅު ހޯދުމަށް އަމާޒުހިފި އެތުލެޓިކޯއިން ވަނީ މެޗުގެ ކުރީކޮޅު އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ފާމިން ލޮޕޭޒް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ރަނގަޅުކޮށް، މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މިއީ ލަމީން ޔަމާލް ދިން މޮޅު ޕާހަކުން، އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކް ފަހަތަށް ފޮނުވާލައިގެން ލޮޕޭޒް ކާމިޔާބުކުރި ލަނޑެކެވެ.

މެޗަށްފަހު ލަލީގާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ލޮޕޭޒް ބުނީ، މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ފުރަތަމަ ހާފުގައި އުނދަގޫތަކާ ކުރިމަތިވި ނަމަވެސް ފަހަތުން އަރައި މޮޅުވެވުމުން އުފާކުރާ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފުނު ނަމަވެސް، އެއްވަރުކުރި ލަނޑާއެކު ޓީމުގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ލަމީން [ޔަމާލް] ވަރަށް މޮޅަށް ކުޅުނު. ދެވަނަ ލަނޑަށް އޭނާ ދިން ޕާހަކީ ގާތްގަނޑަކަށް މުޅި ލަނޑުގެ ދެބައިކުޅަ އެއްބައި. އަހަރެން މިހުރީ ވަރަށް އުފަލުން،" ލޮޕޭޒް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ބްރޭކަށް ދާން ބޭނުންވީ ލީގުގެ އެއްވަނައިގައި އޮވެ ތިން ޕޮއިންޓު ހޯދައިގެން ކަމަށެވެ. އަދި ފުރަތަމަ ހާފު ނިންމާލި ގޮތަށް ދެވަނަ ހާފުގައިވެސް ކުޅުން ކުރިއަށްގެންދަން އެނގުނު ކަމަށާއި، ދިފާއީ ގޮތުންނާއި ހަމަލާތަކުގައިވެސް ޓީމުން ދެވަނަ ހާފުގައި ދެއްކީ ތައުރީފު ހައްގު މޮޅު ކުޅުމެއް ކަމަށް ލޮޕޭޒް ފާހަގަކުރިއެވެ.