ތާރީޚީ ފޯރިއަކާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ހޮލިޑޭ ކަޕް 2026 - ނައިވާދޫ އެޑިޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން އިންތިޒާމުކުރާ މި މުބާރާތަކީ، މީގެ ކުރިން ހުޅުމާލޭގައި ކާމިޔާބުކަމާއެކު ބޭއްވި ދެ މުބާރާތަށްފަހު، ނައިވާދޫގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖުމްލަ ތިން އުމުރުފުރާއަކަށެވެ. އެއީ 17 އަހަރުން ދަށުގެ އުމުރުފުރާ އާއި، 13 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 8 އަހަރުން ދަށުގެ އުމުރުފުރާއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 2026 ނޮވެމްބަރު 20 ވާ ހުކުރު ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް ޚާއްޞަ އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ކްލަބުން ވަނީ ނައިވާދޫގެ ދަރިވަރުންގެ ކިބައިން އެދިފައެވެ.

ޓްރޭނާރސް ސްޕޯޓްސް ކުލަބުން ހާމަކުރި ގޮތުގައި، މި އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު ނައިވާދޫގައި ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތަކީ، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ އެދުމުގެ މަތިން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ނައިވާދޫގެ ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، ކުޅިވަރުގެ ރޫޙުގެ ތެރެއިން ވާދަކޮށް، ރަށުވަންތަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ވެސް އެ ކްލަބުން ބުނެއެވެ. 3 ވަނަ ހޮލިޑޭ ކަޕް ނައިވާދޫގައި ފުރަތަމަ ފަހަރަށް ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރުވެސް ދަނީ ކުރިއަށެވެ.

މީގެ ކުރިން މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހުގެ މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މި ފަހަރުގެ ނައިވާދޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފުތާއަކަށްވުރެ ދިގުނުވާނެހެން، ފޯރިގަދަ މެޗުތަކަކާއެކުގައެވެ.

މުބާރާތާ ގުޅޭގޮތުން ނައިވާދޫ އެޑިޝަންގެ މެނޭޖަރު މުޙައްމަދު އަސްލަމް "ތިލަދުން" އަށް ވިދާޅުވީ، ހުޅުމާލޭގައި މީގެ ކުރިން ކުރިއަށް ގެންދެވުނު މުބާރާތްތަކަށް ވުރެ ދެގުނަ ބޮޑު ތަރުޙީބެއް ނައިވާދޫގެ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. "މީގެ ކުރީ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވަނީ ހަމައެކަނި މުބާރާތެއް ނޫން، މިއީ މުޅި ރައްޔިތުން އެކުގައި ފާހަގަކުރި ބޮޑު އީދެއް،" އަސްލަމް ވިދާޅުވިއެވެ.

މެނޭޖަރު އަދި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މުބާރާތް ނައިވާދޫގައި ކާމިޔާބުކަމާއެކު ނިންމާލެވިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް ނައިވާދޫ އަދި ގްރޭޓަރ މާލެ ސަރަހައްދަށް އަމާޒުކޮށް ދެ މުބާރާތް ބޭއްވުމަކީ ކްލަބުގެ އަމާޒެކެވެ. ނަމަވެސް، ރަށުން ލިބޭ ތަރުޙީބު ކުޑަވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި މުބާރާތް ކުރިއަށްދާނީ ހަމައެކަނި ގްރޭޓަރ މާލެ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ތާރީޚީ ހަރަކާތެއް ފުރިހަމަކުރުމަށް ރަށުގެ ކްލަބު ޖަމްޢިއްޔާތަކާއި މުއައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހޮލިޑޭ ކަޕް 2026" ގެ ޓައިޓަލް ސްޕޮންސަރަކީ "ކޮފީ އެންޑް މޯ" އެވެ. މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ވިޔަފާރިތަކަށާއި ހެޔޮއެދޭ ފަރާތްތަކަށް ސްޕޮންސަރޝިޕްގެ ފުރުޞަތުތައް މިހާރު ވަނީ ހުޅުވާލާފައެވެ. އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ރަސްމީ އެކައުންޓް (7730000401181) މެދުވެރިކޮށް އެ ފުރުޞަތު ވަނީ ހަމަޖައްސައިދީފައެވެ. މުބާރާތުގައި ޓީމުތައް ބައިވެރިކުރުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް ކްލަބުގެ ހޮޓްލައިންތަކާ ގުޅުމަށާއި، އެންމެން އެކަތިގަނޑަކަށްވެ މި މުބާރާތް ފޯރިގަދަ ކުޅިވަރު ޢީދަކަށް ހެދުމަށް އެ ކްލަބުން ވަނީ އެދިފައެވެ.