ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ކޯހެއްކަމަށެވެ.

Ad
d

މީގެއިތުރުން އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫޙު އުފައްދައި، އަމިއްލަ ނަފްސަށް ބަރޯސާވުމަށް ހިތްވަރު ލިބިދިނުމަށާއި ދިވެހި އުފެއްދުންތަކުގެ އަގު ހިފެހެއްޓުމާއި އެ އުފެއްދުންތަކަށް ބާޒާރުން ޖާގަ ހޯދުމަށް އެހީތެރިވެދިނުމަކީ މި ކޯސް ހިންގާ މުޙިއްމު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެ ކައުންސިލުން ހާމަކުރައްވައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަބުޑީ މޯލްޑިވްސް ގުޅިގެން، ކުރިއަށް ގެންދާ މި ކޯސް، އޮންނާނީ 2026 ނޮވެންބަރު 21 އިން 27 ގެ ނިޔަލަށް ލަގޮނޑި މާލިމީ މާލަމުގައި (އެން.އޯ.ސީ އިމާރާތުގެ 02 ވަނަ ފަންގިފިލާ ހޯލް) ގައިކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. އަދި ކުޅުދުއްފުށި ސިޓީން ޖުމްލަ 30 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އަލްފާޟިލާ އާމިނަތު ޝިހާނާ، މަޝްހޫރުނަމުން ނަމަ "އަބުޑީ" ކަމުގައި ވެސް އެ ކައުންސިލުން ހާމަކުރައްވައެވެ.

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 2026 ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

މި ތަމްރީން ކޯހުގައި ބައިވެރިވުމަށްޓަކައި ކައުންސިލްގެ އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ބައިވެރިވުމުގެ ފުރުޞަތު ލިބިލައްވާނެ ފަރާތްތައް ހޮވުމުގައި ޕޮއިންޓްދޭނެ ގޮތުގެ ތަފްޞީލް އަދި މި ތަމްރީން ކޯސް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް އެ ކައުންސިލްގެ އިޢުލާނާއިއެކު މިހާރު ވަނީ ޢާންމުކޮށްފައެވެ.

Ad
df