ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގު ފަހިކުރާ މަޝްރޫޢެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުންނެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގެންގުޅުއްވި "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ. އަދި އަބަދުވެސް ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރައްވާނެ ކަމަށާއި، ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތައް ލީޒްކުރުމުގެ ޝައުޤުވެރިކަން ހުރީވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންގެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްޤީ ކުރާ ޕްރޮޕަޓީތަކުގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އެންމެ ދުވަހަކުވެސް މަޑުނުކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ކަށަވަރުކުރުމުގެ ގޮތުން އެތަނަށް އަންނަ މީހުންގެ ޤައުމު ހުރިހާ ގޮތަކުންވެސް ބަލައި ޔަޤީންކުރާނެ ކަމަށެވެ.
ޒަޔަނިޒަމާ ދެކޮޅަށް އެމަނިކުފާނު ގެންގުޅުއްވާ ސްޓޭންޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅަށް، އިޒްރޭލުން މި ހިންގާ ޖެނޮސައިޑާ ދެކޮޅަށް ވާހަކަދައްކާ ވެރިއަކު މިއަދާހަމައަށްވެސް ރާއްޖޭގެ ރައީސަކަށް އައިސްފައިނުވާކަމަށެވެ.
''ޓްރާންސިޝަން ޕީރިއަޑްގެ އެންމެ ފުރަތަމަ ޓްވީޓެއް ކުރިން އެކަމުގައި. ރާއްޖޭގެ ސިޔާސަތާ ގުޅޭގޮތުން. އަމަލީ ގޮތުން ދައްކަމުން މިއަންނަނީ. ރާއްޖެއަށް ނާދެވޭގޮތަށް އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރަން ކެރުނު އެއްވެސް މީހަކު އެބަހުރިތޯ މީގެ ކުރީގައި. މުޅިންވެސް ހިހޫތަނުން ކައިގެން އުޅުނު މީހުން ނޫންތޯ މީގެކުރިން ފެންނަންހުރީ،" ރައީސް ވިދާޅުވެފަވެއެވެ.
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް މަސައްކަތް ފެއްޓެވުމުން އެކި ފަރާތްތަކުން އެމަނިކުފާނަށް ގުޅައި، އެކަމާ ދެކޮޅު ހެދިކަންވެސް ރައީސް ހާމަކުރެއްވިއެވެ. ނަމަވެސް އެ ފިޔަވަޅު އަޅުއްވަން ނިންމެވީ އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށްވާތީ ކަމަށާއި، މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދިއުމުން އެ ނިންމުމުގެ ރަނގަޅުކަން ސާބިތުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!