ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން، 48 ބުޅާ ހިފައި، ނިއުޓާ އަދި ސްޕޭ ކުރުމަށްފަހު، ސިއްހީ ފަރުވާދީ އަލުން ވެއްޓަށް ދޫކޮށްލައިފިއެވެ.

މި މަސައްކަތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން "ޓްރެޕް، ނިއުޓާ، ރިލީޒް" ގެ ނަމުގައި ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން ހިންގި ހަރަކާތެކެވެ. ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހިންގި މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
d

ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ކޭމްޕުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވަނީ އެރިކާ ވެޓް ކްލިނިކްގެ ފަންނީ އެހީތެރިކަމާއެކުގައެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ކްލިނިކްގެ މެޑިކަލް ޓީމުގެ ފުރިހަމަ ބައިވެރިވުމާއި ވެޓެރިނަރީ ފަރުވާއާއެކު ކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މިއީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގުސަދަކީ އިންސާނިއްޔަތުކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން، ރައްކާތެރި ގޮތެއްގައި ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރެވޭނެ މަގުފަހިކުރުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު އެއް ބޭނުން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Ad
df

މި ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެރިކާ ވެޓް ކްލިނިކްގެ މެޑިކަލް ޓީމުން ދެއްވި ފަންނީ އެހީތެރިކަމަށާއި، ދެއްކެވި އިޚްލާޞްތެރި ޚިދުމަތް ފާހަގަކޮށް އެ ފަރާތަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.