ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ބަދަލުގެ ސަބަބުން ޚިދުމަތް ދިނުން އަވަސްވެ، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
d

ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް، އެ މީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އަދި ޞިއްޙީ ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަވާއިރު، މި ބަދަލާއެކު އެ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައު ގްރޫޕުގެ ދަށުން ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ހޮސްޕިޓަލްތަކުގެ މެދުގައި ވަސީލަތްތައް ޙިއްޞާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ މުއްދަތުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލުތައް މި ވިއުގައަށް ގުޅާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ މުވައްޒަފުންތަކެއް އިތުރުކުރާނެ މަޝްރޫޢެއް ނޫންކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

Ad
df

މި ބަދަލާއެކު، ސަރުކާރުގެ ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ޤާއިމުކުރެވިގެންދާނެއެވެ. މީގެއިތުރުން، ޚާއްޞަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ދެއްވާ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ފޯރުކޮށްދެއްވުމުގެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.