މާޒީގެ ލޯގަނޑަށް ބެލުމުން ފެންނަނީ ރާއްޖެއަށް ލިބުނު މަތިވެރި ނަސީބު ކަމަށާއި، އެހެންނަމަވެސް މިހާރުގެ ހާލަތުގެ މަންޒަރަށް ބެލުމުން ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލައި ޒަޚަމްތައް އުފެދިފައިވާ މަންޒަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
d

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ފާހަގަކުރެވެނީ ބާޠިލުގެ ބިރުވެރިކަމުން ހިދާޔަތުގެ ހަމަޖެހުމަށް ދިވެހިރާއްޖެ ބަދަލުވިތާ 900 އަހަރު ފުރުމުގެ އުފާ ކަމަށެވެ. އަދި ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަމުން ބާއްޖަވެރިކަމަށް ދިވެހި ކާބަފައިން ހިޖުރަކުރިކަމުގެ ޝަރަފުވެރި އުފަލާއި، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 900 އަހަރު ހޭދަކުރި ޢިއްޒަތްތެރި ޒިކުރާ މިއަދު ފާޅުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''މާޒީގެ ލޯގަނޑަށް ބެލީމާ ފެންނަނީ އަޅުގަނޑުމެންނަ ލިބުނު ނަސީބު. އެކަމަކު ޙާލަތުގެ މަންޒަރަށް ބެލީމާ ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލައި ޒަޚަމްތައް އުފެދިފައިވާތަން. މުސްތަޤުބަލުގެ އުދަރެއްހަށް ބެލީމާ ފެންނަނީ، އަޅުގަނޑުމެން ހާސިލުކުރަންޖެހޭ މަޤުޞަދުތައް. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް. އަޅުގަނޑުމެންނަށް ސިފަވަނީ އެކަމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން ކުރަން ހުރި ޖިހާދުތައް.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މުސްތަޤުބަލުގެ އުދަރެހަށް ބެލުމުން އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ހާސިލުކުރަންޖެހޭކަން ފެންނަ ކަމަށެވެ. އަދި އެކަމަށްޓަކައި އަމިއްލަ ނަފުސުން ކުރަންހުރި ޖިހާދުތަކާއި ވާންޖެހޭ މަތިވެރި ޤުރުބާނީތައް ސިފަވާ ކަމަށާއި، މުޅި ޤައުމުގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން ތަޞައްވުރުތައް އުފައްދައި ޢަމަލީ ފިޔަވަޅުތައް ތަންފީޒުކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން ޅަދަރިންގެ އީމާންތެރިކަމުގެ ރޫޙަށް ކުރިމަތިވާ ގޮންޖެހުންތަކާއި ބިރުވެރި ރަނގަބީލުތަކަށް ސަމާލުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

''ތަންފީޒުކުރަންވީ ޢަމަލީ ފިޔަވަޅުތައް. ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަޅުގަނޑުމެންގެ ޅަ ހިތްތަކާއި ލޯތަކާއި ކަންފަތްތަކަށް ހުށަހެޅެމުންދާ ހުށަހެޅުންތަކުން އީމާންތެރިކަމުގެ ރޫޙަށް އިއްވާ ބިރުވެރި ރަނގަބީލުތަކަށް ސަހަރޯވެ ދޭންޖެހޭ ޚާއްސަ ސަމާލުކަން،'' ރައީސް ވިދާޅުވެފަވެއެވެ.

Ad
df

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ދިވެހީންނަށް ލިބުނު އަދި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ މާތްވެގެންވާ އިސްލާމްދީންކަން ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ އިސްލާމްދީން ކަމުގައި ވިދާޅުވެ، ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމެހެއްޓުމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.