ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ ހިޖުރީ ގޮތުން މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ބިމަކަށް އައުމާއެކު ގެންނަ އެންމެ މުހިންމު އެއް ރައްކާތެރިކަމަކީ ނަފްސުތައް ނުވަތަ ފުރާނައިގެ ރައްކާތެރިކަމެވެ. އަދި ޙައްޤަކާ ލައިގެން މެނުވީ އިންސާނީ އެއްވެސް ފުރާނައެއް ނައްތާލުން މާތްﷲ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމަށާއި، އިސްލާމްދީން ދެކޭ ގޮތުގައި ކޮންމެ ނަފްސަކީ ޙުރުމަތްތެރިވެގެންވާ ނަފްސެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފުރާނަތައް ރައްކާތެރިކުރުމަކީ މި މާތް ދީނުގެ ދެވަނަ އަސާސް ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
އިސްލާމްދީން އައުމުގެ ކުރިން ރާއްޖޭގެ ހާލަތު އޮތްގޮތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ދީނުގެ ނަމުގައި އިންސާނުން ޤުރުބާންކުރެވިފައިވާކަން ފެންނަން ހުރި އާސާރުތަކުން އެނގެން އޮތް ކަމަށް މުއައްރިޚުން ވިދާޅުވާ ކަމަށެވެ. އަދި އިންސާނުން ޤުރުބާންކުރުން ނުވަތަ ދީނުގެ ނަމުގައި އިންސާނުން ކަތިލުމަކީ ބާޠިލް ވަރަށް ގިނަ ދީންތަކުގައި އޮންނަ ކަމެއް ކަމަށާއި، އެފަދަ ފަރާތްތަކުން އަޅުކަންކުރަން ތިބޭ ތަންތަނުގައި މިފަދަ ޖަރީމާތައް ހިންގާފައިވާކަން ބޭރުގެ ހޯދުންތަކުން ވެސް ފެންނަން ހުރި ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، އެމީހަކީ ފަގީރެއް ކަމުގައި ވިޔަސް، މުއްސަންޖެއް ކަމުގައި ވިޔަސް، އަންހެނެއް ނުވަތަ ފިރިހެނެއް ކަމުގައި ވިޔަސް، އަދި ރީތި މީހެއް ނުވަތަ އެ ނޫން މީހެއް ކަމުގައި ވިޔަސް، ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ ހިޖުރީ ގޮތުން މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ.
''ދިވެހި ކޮންމެ ރައްޔިތަކަށް އެއީ އެމީހާ ފަގީރަސް މުއްސަންޖަސް، އެއީ އަންހެނެއްކަމުގައި ވިޔަސް، ފިރިހެނެއްކަމުގައި ވިޔަސް، އެއީ ރީތި މީހެއްކަމުގައި ވިޔަސް، ނުވަތަ އެ ނޫން މީހެއްކަމުގައި ވިޔަސް، ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ ހިޖުރީ ގޮތުން މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ މީގެ ނަތީޖާއަކީ ހަމައެކަނި ދިވެހީންގެ ފުރާނައަށް ކަމޭހިތަން ދަސްވުން އެކަނި ނޫން ކަމަށާއި، ކޮންމެ އިންސާނެއްގެ ފުރާނައިގެ އަގު ދިވެހީންނަށް ދަސްވެ، ލޭގެ ޙައްޤު ދެނެގަނެވުން ކަމަށެވެ. އަދި ރާއްޖެއައި ސައްޔާޙުންނާއި ތާރީޚު ލިޔުންތެރީން ދިވެހީންގެ ހިތްހެޔޮކަމާއި ވަފާތެރިކަމާއި އޯގާވެރިކަމުގެ ވާހަކަ ލިޔެފައިވަނީ އިސްލާމްދީން ދިވެހީންނަށް ގެނެސްދިން މަތިވެރި އިންސާނީ ބަދަލުތަކުގެ ސަބަބުން ކަމަށާއި، އިސްލާމްދީން ދިވެހީންނަށް ގެނައި ދެވަނަ ބަދަލަކީ އިންސާނީ ފުރާނައަށް ގެނެސްދިން ކަށަވަރުކަމާއި، އޭގެ ސަބަބުން ލިބުނު ސުލްޙަވެރިކަމާއި އަމްނުއަމާންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!