ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސް ވަނީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހީންގެ ދިރިއުޅުމަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޝަރަފުވެރި މުނާސަބަތުގައި، ދީނީ ކަންކަމަށް ހޭދަކުރުމަށާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ޤައުމީ ވަޤުފު ކުންފުންޏެއް މިއަދު އުފެއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މި ކުންފުންޏަކީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެއިތުރުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ދީނީ ކަންކަމަށް ހޭދަކުރެވޭނެ މާލީ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްޤީގެ މަސައްކަތުގައި އެ ކުންފުނިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރެވެނީ ހިޖުރީ ސަނަތުން 548ވަނަ އަހަރު (މީލާދީން 1153ވަނަ އަހަރު) އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު ނުވަތަ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲ) އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހި ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.
ރާއްޖޭގައި މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރީން 1374 (މީލާދީން 1954) ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައެވެ. އޭގެ ފަހުން 1968ވަނަ އަހަރު މި ދުވަސް ފާހަގަކުރުން ހުއްޓާލުމަށްފަހު، އަލުން މި ދުވަސް ފާހަގަކުރަން ފެށީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ މަޤްޞަދުގައި 4 މެއި 2000 ގައި ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަކާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!