ރޭ މާލެ ކައިރިން އޮޔާދިޔަ ދެ ބޯޓު ސިނަމާލެ ބްރިޖުގައި ޖެހި ހިނގި ހާދިސާގައި ބްރިޖުގެ މައިގަނޑު ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ލިބިފައިވަނީ ބޭރުފުށުގެ ކޫރުންތަކެއް އެކަނި ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖު އެޅި ކުންފުނި ކަމަށްވާ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރެޔާއި މިއަދު ހެނދުނު ބްރިޖު ބަލައި އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ބްރިޖުގެ ބޭރުފުށަށް ލިބިފައިވާ ކޫރުންތައް، ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ މޮނިޓަރިންގ، އިންސްޕެކްޝަން އަދި މެއިންޓެނަންސް އިންތިޒާމުގެ ދަށުން އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނިން މަރާމާތުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ކައިރިން ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދެއްގެ ސަބަބުން ދެ ބްރިޖަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެހެނިހެން މުހިންމު އިންފްރާސްޓްރަކްޗަރތަކަށް އަސަރުކޮށް، މުޅި ވެރިރަށުގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާފަދަ ކާރިސާއެއް ހިނގައިދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމަށް ފިޔަވަޅު އަޅަންވާނީ ހާދިސާ ހިނގުމުގެ ކުރިން ކަމަށެވެ. އަދި މި ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
Last night's incident at China Maldives Friendship Bridge was a near miss.
Engineers from Second Harbour Engineering Company (SHEC), the builder of the bridge, carried out inspections last night and again this morning. Alhamdhulillah, there is no structural damage, only surface… pic.twitter.com/tApb6fbllA— Abdulla Muththalib (@muththo) September 11, 2026
އެގޮތުން، އޮޔާދާ އުޅަނދުތައް ބްރިޖާ ހަމައަށް ދިއުމުގެ ކުރިން ހިފެހެއްޓޭ ފަދަ ބާރުގަދަ ދެ ޓަގްބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި އެ ބޯޓުތައް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އަލުން މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުވާސަލާތުކުރުމާއި އިޖާބަދިނުމުގެ ސާފު އުސޫލުތަކެއް އެކުލަވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރޭ 10 ޖަހާކަށްހާއިރު މާލެ ސަރަހައްދަށް އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސް އޮޔާދިޔައީ ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ދެ ބޯޓެވެ. މި ދެ ބޯޓު އެންމެ ފުރަތަމަ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އޭގެ ފަހުން ބްރިޖުގެ ސުޕަސްޓްރަކްޗާގައި ޖެހި، ބްރިޖު ދަށުން މާލޭގެ ދެކުނު ފަރާތަށް ވަނީ އޮޔާ ގޮސްފައެވެ. ބްރިޖުގައި ޖެހިފައިވަނީ އެއް ބޯޓުގެ ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓެއް ކަމަށް ވަނީ ބެލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!