އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ އަރިސް އަންހެން މުވައްޒަފަކަށް ބޮޑެތި އަދަދުތަކުން ފައިސާގެ ހަދިޔާ ދެއްވުމާ ގުޅިގެން، ސަރުކާރުގެ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ބެހޭ ފެޑެރަލް އަޚްލާގީ ގަވާއިދުތަކާ އޭނާ ޚިލާފުވެވަޑައިގެންފައިވާ ކަމާމެދު ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
ޓްރަމްޕް މި ފައިސާގެ ހަދިޔާތައް ދެއްވާފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައެވެ. ވައިޓް ހައުސްގެ އެޑްމިނިސްޓްރޭޝަނުން މިދިޔަ ހަފުތާގައި އާންމުކުރި މާލީ ބަޔާންތަކުން ދައްކާ ގޮތުގައި، އެގްޒެކެޓިވް އެސިސްޓެންޓް ނެޓަލީ ހާޕް، ކޮމިއުނިކޭޝަންސް އެޑްވައިޒަރު މާގޯ މާޓިން، އަދި އޯވަލް އޮފީސް އޮޕަރޭޝަންސްގެ ޑެޕިއުޓީ ޑިރެކްޓަރު ޗެމްބަލައިން ހެރިސް—މިއިން ކޮންމެ ބޭފުޅަކަށް ހަދިޔާގެ ގޮތުގައި 45،000 އެމެރިކާ ޑޮލަރު ދީފައިވެއެވެ. މިއީ އަހަރަކު 150،000 ޑޮލަރުގެ މުސާރައެއް ލިބޭ މި މުވައްޒަފުންގެ އަހަރީ މުސާރައިގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ.
މީގެ އިތުރުން، އޯވަލް އޮފީސް އޮޕަރޭޝަންސްގެ ޑިރެކްޓަރު ވޯލްޓް ނައުޓާއަށް 20،000 ޑޮލަރު ދީފައިވާއިރު، އޭނާގެ އަހަރީ މުސާރައަކީ 175،000 ޑޮލަރެވެ. މާލީ ބަޔާނުގައި މި ފައިސާ ނަންބަރުކޮށްފައިވަނީ "ބަންދު ދުވަސްތަކުގެ ފައިސާގެ ހަދިޔާ" ގެ ގޮތުގައެވެ.
އާންމު އުސޫލުން އެމެރިކާގެ ފެޑެރަލް މުވައްޒަފުންނަށް ސަރުކާރުގެ މުސާރައިގެ އިތުރުން އެހެން އެއްވެސް މާލީ އިނާޔަތެއް ލިބިގަތުން މަނާވެފައިވާއިރު، މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނީ މި ހަދިޔާތަކަކީ އަޚްލާގީ ގަވާއިދުތަކާ އެއްގޮތަށް ދީފައިވާ ހަދިޔާތަކެއް ކަމަށެވެ.
"މި ހަދިޔާތަކަކީ މިއިން އެއްވެސް ފަރުދެއްގެ ސަރުކާރުގެ ރަސްމީ ވާޖިބުތަކާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން، އެހެންކަމުން މިއީ ގުޅުންހުރި ގާނޫނީ އަދި އަޚްލާގީ މިންގަނޑުތަކުގެ ދަށުން މުޅިން ހުއްދަ ކަމެއް،" ވައިޓް ހައުސްގެ ތަރުޖަމާނު ޑޭވިސް އިންގްލް ވިދާޅުވެފަވެއެވެ.
ޓްރަމްޕް ސަރުކާރުގައި އުޅުއްވި އިރުގައާއި އަމިއްލަ ވިޔަފާރީގައި އުޅުއްވި އިރުވެސް، އޭނާގެ އަރިސް ބޭފުޅުންނަށް ހަދިޔާ ދިނުމަކީ ކުރީއްސުރެ ކުރައްވަމުން އަންނަ ކަމެއް ކަމަށް އިންގްލް ވިދާޅުވިއެވެ.
ނެޓަލީ ހާޕް އަދި ވޯލްޓް ނައުޓާއަކީ ވައިޓް ހައުސްގައި އަދި ދަތުރުފުޅުތަކުގައި ޓްރަމްޕާ އެންމެ އަރިސްކޮށް އުޅުއްވާ ދެ މުވައްޒަފުންނެވެ. ހާޕްއަކީ ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" އެކައުންޓް ބެލެހެއްޓުމާއި ސޯޝަލް މީޑިއާ ބަޔާންތައް އެކުލަވާލުމުގައި އެހީތެރިވެދޭ ފަރާތެކެވެ. މީގެ އިތުރުން ޓްރަމްޕަށް ޚަބަރުތައް ފޯރުކޮށްދިނުމަށް ޕޯޓަބަލް ޕްރިންޓަރެއް ހިފައިގެން އުޅޭތީ އޭނާއަށް "އިންސާނީ ޕްރިންޓަރު" (ހިއުމަން ޕްރިންޓަރު) ގެ ނަމުން ނަންދެވިފައިވެއެވެ. ހާޕްއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޑިމޮކްރެޓިކް ސެނެޓަރު ޖޮން އޮސޯފް ވަނީ ޓްރަމްޕް ގައުމީ ޚިދުމަތަށް ދެއްވާ ސަމާލުކަމާމެދު ސުވާލު އުފައްދަވައި، "އޭނާ ބޭނުންވަނީ މަސައްކަތް ކުރާކަށް ނޫން، އޭނާ ބޭނުންވަނީ ބޯލްރޫމް ބިނާކޮށް ނެޓަލީއާއެކު ދަތުރުކުރަން،" ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ ނައުޓާއާއެކުވެސް އެފަދަ ގާތް ގުޅުމެއް އުފައްދަވާފައެވެ. ކުރީގެ ވައިޓް ހައުސް ޚިދުމަތްތެރިޔާ ނައުޓާ ވަނީ 2020 ވަނަ އަހަރުގެ އިންތިޚާބުން ޓްރަމްޕް ނާކާމިޔާބުވުމަށްފަހުވެސް، ޓްރަމްޕްގެ މާ-އޭ-ލާގޯ ރިސޯޓާއި ސިޔާސީ އެކްޝަން ކޮމިޓީގައި މަސައްކަތްކޮށްފައެވެ. އަދި ޓްރަމްޕްގެ ދެވަނަ ދައުރުގައި އޭނާ ވަނީ އަލުން ވައިޓް ހައުސްއަށް ބަދަލުވެފައެވެ. ޓްރަމްޕްގެ ދެ ދައުރުގެ ދެމެދުގައި، އޮފީހުން ބޭރުގައި ސިއްރު ލިޔެކިޔުންތައް ގާނޫނާ ޚިލާފަށް ބެހެއްޓި ކަމަށް ބުނެ ފެޑެރަލް ކޯޓުގައި ކުރެވުނު ދައުވާގައި ޓްރަމްޕާއެކު ނައުޓާވެސް ހިމެނުނެވެ. އޭނާގެ މައްޗަށް ކުރެވުނީ ލިޔެކިޔުންތައް ފޮރުވުމަށް ރޭވުމާއި ފެޑެރަލް ތަހުގީގަށް ހުރަސްއެޅުމުގެ ތުހުމަތެވެ. ނަމަވެސް ކުށަށް އިންކާރުކުރި މި މައްސަލަ ވަނީ ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމުން އުވާލާފައެވެ.
ނިމިދިޔަ ޖޫލައި މަހު ތުރުކީގައި ޓްރަމްޕް ސިއްރިއްޔާތުގައި މަތިންދާބޯޓު ބަދަލުކުރެއްވި ހާދިސާގައި، ސަލާމަތީ ނުރައްކާތަކާ ހުރެ ކެޓަރިން ޓްރަކަކަށް އަރައިގެން އޭނާއާއެކު ދިޔަ ކުޑަ މުވައްޒަފުންގެ ގްރޫޕުގައި ހާޕް އާއި ނައުޓާ ހިމެނެއެވެ. އެ ވަގުތު ނޫސްވެރިންނާއި އެހެނިހެން މުވައްޒަފުންގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މަޑުކުރެއްވީ ޓްރަމްޕް އިންނަވަން ހަމަޖެހިފައިވާ މައި ބޯޓުގައެވެ. ފާޑުކިޔާ ފަރާތްތަކުން އެ ބޯޓު ސިފަކޮށްފައިވަނީ ހަމަލާއެއް ދީފާނެ ކަމަށް ބަލައި ތައްޔާރުކުރެވުނު އޮޅުވާލުމުގެ ބޯޓެއް ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!