ހުޅަނގުމޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.

ވިއްސާވިލާ އަކީ ވިއްސާރަ ވިލާތަކުގެ ތެރެއިން ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވިދުމުގެ އިތުރުން ވައިގަދަވުމުން އެކުލެވޭ، މޫސުން ވަރަށް ބޮޑަށް ގޯސްވާ ވަގުތުތަކުގައި އުފެދޭ ބޯ އަނދިރި ވިލާތަކެވެ.

Ad
rt

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް 3 ދުވަސް (11، 12، އަދި 13 ސެޕްޓެމްބަރު) ގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވެއެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވަނީ، އެ ދުވަސްތަކުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވެނީ، ހުޅަނގުދެކުނާއި ހުޅަނގުންނެވެ. އެ ގޮތުން، ދެކުނުގެ އަތޮޅުތަކުގައި، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައ އަދި އެހެން ހިސާބުތަކުގައި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް ބުނެފައިވެއެވެ.

ކަނޑުގެ ހާލަތަށް ބަލައިލާއިރު، ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާނެއެވެ. ނަމަވެސް އެހެން ސަރަޙައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން މައުލޫމާތުދީފައިވެއެވެ.

ހުޅަނގު މޫސުމުގެ ޙާލަތު މިހެން ހުރުމާއެކު، ހުރިހާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި މޫސުމަށް ސަމާލުވެލެއްވުމަށް އެ ފަރާތުން އިލްތިމާސް ކޮށްފައިވެއެވެ.