ހއ.ދިއްދޫގައި، ދިރިއުޅުމަށް ދޫކޮއްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން މުހުލަތެއްދީ، އެ މުހުލަތުގައި ސާފުނުކުރާ ގޯތިތައް ވަކިކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ދިއްދޫ ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މީހުން ދިރިއުޅުމަށް ދޫކޮއްފައިވާ ބަންޑާރަ ގޯތިތަކަކީ، ސަރުކާރުން ހަދާފައިވާ ޤަވާޢިދުތަކަށް ޢަމަލު ކުރުމަށް، ޝަރުޠުކުރެވި، އެ ފަރާތްތަކާއި ޙަވާލު ކުރެވިފައިވާ ގޯތިތަކެއްކަމަށެވެ.
އެ ގޮތުން ހެދިފައިވާ ޤަވާއިދުތަކުގެ ތެރޭގައި، ގޯތީގެ ވަށާފާރު ރާނައި، ގޯތިތެރެއާއި، ގޯތި ގުޅިފައިވާ މަގު ކުނިކަހައި، ވިނަނޮޅައި، ސާފުކޮށް، އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިނުވާގޮތަށް ބެލެހެއްޓުމަށްވަނީ ޝަރުޠުކުރެވިފާކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ނަމަވެސް މި ޤަވާޢިދުތަކާ ޚިލާފަށް ބައެއް ފަރާތްތަކުން ގޯތިތަކާމެދު ޢަމަލު ކުރަމުން ދާތީ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޞިއްޙީގޮތުންނާ އެހެނިހެން ގޮތްގޮތުން ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާކަން ވެސް އެ އިޢުލާނުގައި ފާހަގަކޮއްފައިވެއެވެ.
އެހެންކަމުން ސާފުނުކުރާ ގޯތިތައް 9 ނޮވެމްބަރ 2026ގެ ކުރިން ސާފުކޮށް ނިންމުމަށް އެ އިދާރާ އިން އެދިފައިވެއެވެ. އަދި މި މުއްދަތު ހަމަވުމުން ސާފުނުކޮށް ހުރި ގޯތުތައް ބެލުމަށްފަހު އެ ފަދަ ގޯތިތަކުގެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހަޅައި ގޯތި ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ދިއްދޫއަކީ ސާފުތާހިރު ރަށެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ރަށަކަށް ވާތީ، އެ ގޮތުގައި ދެމި އޮތުމަކީ ދިއްދޫގެ ރައްޔިތުންނާއި ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއްކަމުގައި އެ ކައުންސިލުން ފާހަގަކޮއްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!