ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ފޯލް އިވެންޓުގައި، އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު "އައިފޯން ޑިއޯ" އާއި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް ތަޢާރަފުކޮށްފިއެވެ.
"ސަޕްރައިޒް އެންޑް ސަންޝައިން" ގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެޕަލްއިން ވަނީ ސޮފްޓްވެއާއާއި ހާޑްވެއާއަށް ގެނެސްފައިވާ ގިނަ ބަދަލުތަކެއް އާންމުންނަށް ދައްކާލާފައެވެ.
އައިފޯން ޑިއޯ: އައިޕެޑްގެ ފަރުމާއަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު "އައިފޯން ޑިއޯ" ނިއުޅާލުމުން އޮންނަނީ 7.6 އިންޗީގެ ރެޓިނާ ޑިސްޕްލޭއެކެވެ. އަދި ބޭރު ޑިސްޕްލޭގައި 5.4 އިންޗި ހުންނައިރު، އެތެރޭގެ ޑިސްޕްލޭގައި ވަނީ "އަންޑާ-ޑިސްޕްލޭ" ކެމެރާއެއް ހަރުކޮށްފައެވެ. ގްރޭޑް 5 ގެ އެލުވިނިއަމްއާއި 100 އަށްވުރެ ގިނަ ޚާއްޞަ ބައިތައް ބޭނުންކޮށްގެން ހަދާފައިވާ މި ފޯނުގައި 48 މެގާޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއަކާއި 48 މެގާޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއް ހިމެނެއެވެ.

އެތެރޭގެ ޑިސްޕްލޭއިން 31 ގަޑިއިރާއި ބޭރު ޑިސްޕްލޭއިން 44 ގަޑިއިރުގެ ވީޑިއޯ ޕްލޭބެކް ލިބޭ މި ފޯނުގެ 256 ޖީބީ މޮޑެލްގެ އަގު ފެށެނީ 1،999 ޑޮލަރާއެކު ދެ ކުލައަކުންނެވެ. މި ފޯނަށް އޯޑަރުކުރުން އޮކްޓޯބަރު 16 ގައި ހުޅުވާލާއިރު، އޮކްޓޯބަރު 23 ގައި ވިއްކަން ފަށާނެ ކަމަށް އެޕަލްއިން ބުނެއެވެ.
އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް: ކުރީގެ މޮޑެލްތަކުގެ ޑިޒައިނަށް އައު ފޯނުތައް ހުރި ނަމަވެސް، މި ސީރީޒްއަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ކެމެރާ ސިސްޓަމެވެ. އެގޮތުން، ހަ ކުދި ބްލޭޑް ބޭނުންކޮށްގެން އެޕަޗާ ބަދަލުކުރެވޭ 48 މެގާޕިކްސެލްގެ ސެންސަރެއް ހިމަނާފައިވާތީ، އަލި މަޑު ތަންތަނުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ރަނގަޅުވެ، ފޮޓޯ ނަގާ ސްޕީޑް އަވަސްވެގެންދާނެއެވެ. އަދި ޑޮލްބީ އެޗްޑީއާރު ވިޜަންގައި 4ކޭ ވީޑިއޯ ރެކޯޑްކުރެވޭ މި ފޯނުތަކުގެ ތެރެއިން އައިފޯން 18 ޕްރޯގެ އަގު 1،199 ޑޮލަރުން ފެށޭއިރު، ޕްރޯ މެކްސްގެ އަގު ފެށެނީ 1،299 ޑޮލަރ އިންނެވެ.

މިއީ މިދިޔަ އަހަރުގެ މޮޑެލްތަކަށްވުރެ 100 ޑޮލަރު ބޮޑު އަގެކެވެ. މި ފޯނުތަކަށް ހޮނިހިރު ދުވަހު އޯޑަރު ކުރެވޭނެއެވެ.
އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4: ހާޑްވެއާއަށް ބޮޑު ބަދަލެއް ނައިނަމަވެސް، "އޯޑިއޯ އިންޓެލިޖެންސް" ގެ އާ ސޮފްޓްވެއާ ފީޗާތަކެއް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ވާހަކަދެއްކުމުގެ ކުރީގެ 15 ސިކުންތު ޓެކްސްޓްގެ ގޮތުގައި ދައްކައިދޭ "ލައިވް ރީވައިންޑް" އާއި، ދެކެވޭ ވާހަކަތަކުގެ މުހިންމު ބައިތައް ހަނދާންކޮށްދޭ "ސިރީ ރީކެޕް" ހިމެނެއެވެ.

މީގެއިތުރުން އަޑުއެހުމަށް ދަތިތައް ހުންނަ މީހުންނަށް އެހީތެރިވުމަށް ނާޒުކު އަޑުތައް (ސައިރަން، އެލާމް، ދޮރުގެ ބެލް އަދި ކުޑަކުދިން ރޯ އަޑު) ދެނެގަންނަ "ސައުންޑް ރިކޮގްނިޝަން" ފީޗާ ވަނީ ހިމަނާފައެވެ. ސީރީޒް 12 ގެ އަގު 399 ޑޮލަރަށް އަދި އަލްޓްރާ 4 ގެ އަގު 499 ޑޮލަރަށް އުޅޭއިރު، މިއަދުން ފެށިގެން އޯޑަރު ކުރެވޭނެއެވެ.
އާ އެއާޕޮޑްސް 5:މިއީ ކުރީގެ މޮޑެލްތަކަށްވުރެ އަޑުގެ ފެންވަރު ރަނގަޅު، އަދި ބެކްގްރައުންޑް ނޮއިސް 50 އިންސައްތައަށްވުރެ އިތުރަށް ކުޑަކޮށްދޭ އުފެއްދުމެކެވެ. މީގެ ކުރިން އަގުބޮޑު އެއާޕޮޑްސް ޕްރޯގައި އެކަނި އިންނަ ތަނޑީގައި ވޮލިއުމް ކޮންޓްރޯލްކުރާ ފީޗާ މި މޮޑެލްގައި ވަނީ ހިމަނާފައެވެ. އެއްފަހަރުގެ ޗާޖުން 5 ގަޑިއިރު އަޑުއަހާލެވޭ މި އެއާޕޮޑްސް، ޗާޖިން ކޭސްއާއެކު 22 ގަޑިއިރު ބޭނުންކުރެވޭނެއެވެ.

އެއާޕޮޑްސް 5 ގެ އަގު 129 ޑޮލަރަށް އުޅޭއިރު، ވަޔަރލެސް ޗާޖިން ކޭސްއާއެކު އަގަކީ 149 ޑޮލަރެވެ. މިއަދުން ފެށިގެން އޯޑަރުކުރެވޭ މި އުފެއްދުން ސެޕްޓެމްބަރު 18 ގައި ބާޒާރަށް ނުކުންނާނެއެވެ.
އެޕަލް ހެލްތު: އެޕަލް އިންޓެލިޖެންސްގެ އެހީގައި އަލުން ފަރުމާކޮށްފައިވާ "އެޕަލް ހެލްތު" އެޕްލިކޭޝަންވެސް އެޕަލްއިން ވަނީ ދައްކާލާފައެވެ. މި އެޕްލިކޭޝަނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސިއްހީ މައުލޫމާތުތަކުގެ ޚުލާޞާއެއް ލިބޭ "އިންސައިޓްސް" ޓެބާއި، "ރެޑީނެސް" ސުކޯ އަދި "ހެލްތު އޭޖް" ބަލާލެވޭނެ ގޮތް ހިމެނެއެވެ.

އަދި ނިދުމާއި، ހަރަކާތްތަކާއި، ހިތުގެ ސިއްހަތަށް ބަލައި މުޅި ސިއްހީ ހާލަތު ވަޒަންކުރާ "ލޮންޖެވިޓީ" ޓެބެއްވެސް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!