ހުޅުމާލެއިން ބިމެއް ލިބި، 21 އަހަރު ވީއިރުވެސް ބިން ހަވާލުނުކުރެވި އޮތް އަޙްމަދު ޠަލްޙަތަށް ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެންމެ ފަހުގެ ނިންމުން ނިންމާނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފާ ހޯދުމަށްފަހު ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

Ad
rt

ހައުސިންގ މިނިސްޓްރީން ބުނީ، މިއީ ރައްޔިތުންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލައަކަށްވެފައި، އެފަދަ ކަންކަމުގައި އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވާތީ، މި މައްސަލާގައި އުސޫލުތަކާ ޚިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޠަލްޙަތާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނީ އޭސީސީގެ ލަފާގެ އިތުރުން އެއްބަސްވުމުގެ ގާނޫނީ ލަފާވެސް ހޯދުމަށްފަހު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، 22 ޑިސެމްބަރ 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑު" ގެ ފަރާތުން ހުޅުމާލެ ކޮމާޝަލް ބިމުގެ ސްކީމެއްގެ ތެރެއިން "ރަށްދެބައިމަގުން ލިބުނު 96 ޕްލޮޓް" ގެ ދަށުން ހުޅުމާލެ ފޭސް 1 އިން އަޙްމަދު ޠަލްޙަތަށް ބިން ދިނުމަށް ނިންމާފައިވެއެވެ. އެ ސްކީމުގެ ދަށުން ދޫކުރުމަށް ކަނޑައެޅުނީ 940 އަކަފޫޓުގެ ބިމެއް ނަމަވެސް، 24 ޑިސެމްބަރ 2003 ގައި މިނިސްޓްރީން ދޫކުރި ލިޔުމުން 966 އަކަފޫޓުގެ ބިމެއް ރަޖިސްޓްރީކޮށްދީފައިވާކަން އެނގެއެވެ.

އެހެން ނަމަވެސް، އޭރުން ފެށިގެން ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ޠަލްޙަތުގެ ފަރާތުން ތަކުރާރުކޮށް ލިޔުންތައް ހުށަހަޅާފައިވާކަން އެނގެން އޮތް ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބިން އޭނާއާ ހަވާލުކުރެވިފައެއް ނުވެއެވެ.

ވޭތުވެދިޔަ 21 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، އިންސާފު ހޯދައިދިނުމުގެ ގޮތުން، ޠަލްޙަތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން އެއްބަސްވެފައިވާ ޝަރުޠުތަކާ އެއްގޮތަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ދިނުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ދިނުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުން "ބިންވެރިޔާ ސްކީމު" (އުސޫލު ނަންބަރު: 2022/G-19) ގެ ދަށުން ހިލޭ ދޫކުރަން ކަނޑައެޅި ބިންތަކުގެ ތެރެއިން، ޝަރުޠު ހަމަނުވާ ފަރާތަކަށް ދެވިގެން އެއްބަސްވުން ބާޠިލުވުމުން ހުސްކޮށް އޮތް ބިމެކެވެ.

މި ބިން އަޙްމަދު ޠަލްޙަތަށް ދިނުމަށް ނިންމާފައިވަނީ "ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގެ ދަށުން، ކުރިން އެފަރާތަށް ލިބިފައިވާ ޕްލޮޓް ފަދައިން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން މި ނޫސް ބަޔާން ނެރެފައިވަނީ 08 ސެޕްޓެމްބަރ 2024 ގައި ސޯޝަލް މީޑިއާގައި ދައުރުވި މިނިސްޓްރީގެ އިންޓަރވިއުއެއްގެ ވީޑިއޯއާ ގުޅިގެންނެވެ.