ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ލަފާކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެމް.ޑީ.އެމް.އޭ) އިން އިލްތިމާސްކޮއްފިއެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ، ހުރިހާ ދާއިރާތަކަކުން ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރާވައި ތައްޔާރުވުމަކީ މުޙިއްމުކަމެއްކަމަށެވެ.
މިގޮތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި، ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަތުމާއި، ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި، ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކުންނާއި މުއައްސަސާތަކުން 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވައިލުމާއި މުރާޖަޢާކުރުމަށް އެދިފައިވެއެވެ. އަދި މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މޫސުމީ ލަފާކުރުންތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ފަރާތުން އިލްތިމާސްކޮއްފައިވެއެވެ.
އެ އޮތޯރިޓީން ލަފާކުރާ ގޮތުގައި، އެލް ނީނޯގެ ސަބަބުން މޫސުމަށާއި ކަނޑުގެ ލޮނގަނޑަށް އަންނަ ބަދަލުތަކުގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗޭނަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި އާންމު ދިރިއުޅުމަށް ސީދާ އަސަރުތަކެއް ކުރާނެ ކަމަށެވެ.
އެ ގޮތުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެމް.ޑީ.އެމް.އޭ އިން ބާރުއަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
ކާބޯތަކެއްޗާއި އިމްޕޯޓް: ރަށްރަށަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ އަގު އުފުލުމާއި، ސަޕްލައި ލިބުމުގައި ދަތިތައް ކުރިމަތިވުން.
ޝިޕިން އަދި ލޮޖިސްޓިކްސް: ދުނިޔޭގެ މުދާ އުފުލާ މައިގަނޑު ރޫޓުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް މުދާ އެތެރެކުރުމުގެ ޚަރަދާއި ފްރައިޓް އަގުތައް އުފުލުން.
ފެނާއި ހަކަތަ: ހޫނުމިން މަތިވުމުގެ ސަބަބުން ފެން ބޭނުންވާ މިންވަރު އިތުރުވެ، ޑީސެލިނޭޝަން ޕްލާންޓްތައް ހިންގުމަށް ބޭނުންވާ ކަރަންޓާއި ތެލުގެ ޚަރަދު ބޮޑުވުން.
މަސްވެރިކަން: ކަނޑުގެ ލޮނގަނޑު ހޫނުވުމާއި އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސް އައިނުތައް ބަދަލުވެ، މަސްވެރިކަމަށް ނޭދެވޭ އަސަރުކުރުން.
އާންމު ޞިއްޙަތާއި ފަތުރުވެރިކަން: އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް އިތުރުވުމާއި، ފެނާއި ހަކަތަ އަދި ދަތުރުފަތުރަށް ދިމާވާ ދަތިތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރުކުރުން.
އުމްރާނީ ވަސީލަތްތަކާއި އަސާސީ ޚިދުމަތްތައް: ނާޒުކު ހާލަތްތަކުގައި ބަނދަރުތަކާއި، އެއާޕޯޓްތައް، އަދި ކަރަންޓާއި، ފެނާއި މުވާޞަލާތީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ދުރާލައި ތައްޔާރުވުމުގެ މުހިންމުކަން.
އެލް ނީނޯގެ އަސަރަކީ ހަމައެކަނި މޫސުމީ ބަދަލެއް ނޫނެވެ؛ ދުރާލައި ފިޔަވަޅު އަޅައި ތައްޔާރުވުމަކީ، މީގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކާއި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
މިފަދަ ހާލަތްތަކަށް ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އދ.ގެ ޑިޒާސްޓާ ރިސްކް ރިޑަކްޝަނާ ބެހޭ އިދާރާ، ޔޫ.އެން.ޑީ.އާރް.އާރް (UNDRR) އިން ވަނީ ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ ޚާއްޞަ އުޞޫލުތަކެއް ވެސް އެކުލަވާލައި ޢާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!