ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ހޯމަ ދުވަހުގެ މެޗުތައް ކުޅުދުއްފުށީ ސިޓީ އާއި ފިއްލަދޫ ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރުކުޅުނު މެޗުގައި ފިއްލަދޫ ނުކުތީ ބާރަށާއި ދެކޮޅަށެވެ. މި މެޗު ފިއްލަދޫ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މިއީ ފިއްލަދޫގެ ފުރަތަމަ މެޗެވެ. ބާރަށް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން 2-3 ސެޓުން ދިއްދޫ އަތުން ބަލިވެފައެވެ.
މިރޭ ކުޅުނު މެޗުގައި ކުޅުދުއްފުށީ ސިޓީ ވަނީ ސީދާ ތިން ސެޓުން ދިއްދޫ ބަލިކޮށް، ކުޅުދުއްފުށީ ސިޓީގެ ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި އަންގާރަ ދުވަހުގެ މެޗުތަކުގެ ތެރެއިން ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިނެ އާއި ވަށަފަރެވެ. މީގެ ތެރެއިން ދެ މެޗު ކުޅެ ފިނޭ އެއްމެޗުން މޮޅުވެފައިވާއިރު، ވަށަފަރު ވަނީ ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. ފިނޭގެ މެޗަކީ ވަށަފަރުގެ ދެވަނަ މެޗެވެ.
މި މުބާރާތުގެ އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ކުޅޭނީ އެއް މެޗު ކުޅެފައިވާ ކެލައާއި، ދެ މެޗު ކުޅެފައިވާ މުރައިދޫއެވެ. މިއިން އެއްވެސް ޓީމަކަށް އަދި މި މުބާރާތުގައި މޮޅެއް ނުހޯދެއެވެ.
މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!