ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ''ކޮޕް31'' ގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދާއެކު ބައިވެރިވުމުގެ ފުރުޞަތު ދެ ޒުވާނަކު ހޯދައިފިއެވެ.

"ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމުގެ ތެރެއިން މި ފުރުޞަތު ކާމިޔާބުކޮށްފައިވަނީ ޔާނިއާ ޙުސައިން އިޝާން އަދި ލަސަން ޞަބާޙް އެވެ.

Ad
rt

މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ''ކޮޕް31'' ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

''ކޮޕް31'' އާ ދިމާއަށް ކުރެވޭ މި ދަތުރުގައި ޔާނިއާ އާއި ލަސަން މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ ދިވެހި ޒުވާނުންގެ ޚިޔާލުތަކާއި ދެކޭގޮތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ހުށަހެޅުމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ޒުވާނުންގެ އަޑު އުފުލައި، އެ ފަރާތްތައް ތަމްސީލުކުރުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެކެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަކީވެސް މި ދަތުރުގެ މައިގަނޑު އެއް މަޤްޞަދެވެ. އެ ގޮންޖެހުންތަކަށް ޒުވާނުންގެ ހުރި ހައްލުތައް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދިޔަ މި ފުރުޞަތަކީ މޫސުމީ މައްސަލަތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ވަރުގަދަކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޔާނިއާ އަދި ލަސަން ހޯދި މި ފަޚުރުވެރި ކާމިޔާބީއަށް މަރުޙަބާ ކިޔަމުން، އެ ފަރާތްތަކުން މި ސަމިޓުގައި ދިވެހިރާއްޖެ ފުރިހަމައަށް ތަމްސީލުކޮށް، ޤައުމަށް އަގުހުރި ކާމިޔާބީތަކެއް ހޯދައިދޭނެ ކަމަށް އުންމީދު ކުރެވޭކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.