ފެނަކަ ކޯޕޭރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވާލި ޚާއްސަ ޕެކޭޖާއެކު މިހާތަނަށް 107 މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން ބައެއް މީޑިއާތަކަށް ބުނީ، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، އެ ޕެކޭޖު އިޚްތިޔާރުކޮށްގެން 107 މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.
އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ވަކިވުމުގެ ފުރުސަތު ފެނަކައިން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހުޅުވާލައި، ފެނަކައިން ނެރުނު އިންޓާނަލް މެމޯގައި ބަޔާންކޮށްފައިވަނީ އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިތުރުން ޤާނޫނުން ލާޒިމްކުރާ އެހެނިހެން އިނާޔަތްތައް ވެސް ލިބިގެންދާނެ ކަމަށެވެ.
ޕީސީބީ އާއި ސަރުކާރުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް ރައިޓް ސައިޒްކުރުމުގެ ބޮޑު އިސްލާހީ މަސައްކަތެއް ފަށާފައިވާކަމަށް ފެނަކައިން ވަނީ ކުރިން ބުނެފައެވެ. މި ބަދަލު ގެންނަން ޖެހުނީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން މަސައްކަތެއް ނެތް 8،000 އެއްހާ މުވައްޒަފުން ތިބެ، ކުންފުންޏަށް މާލީ ބޮޑެތި ބުރަތަކެއް އުފުލަން ޖެހުމުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައިޓް ސައިޒްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އަމިއްލައަށް ވަކިވާން ބޭނުންވާ ފަރާތްތަކަށް 4 މަހުގެ މުސާރައިގެ އިނާޔަތެއް ލިބޭ ސްކީމެއް ތައާރަފުކުރުމާއި، އެކި ބްރާންޗުތަކުން މަގާމުތައް އުނިކޮށް މުވައްޒަފުން ވަކިކުރުން ހިމެނެއެވެ. މީގެއިތުރުން ހުރިހާ ވައްތަރެއްގެ ޗުއްޓީ ވަގުތީ ގޮތުން މެދުކަނޑާލުމާއި، ކުށުގެ ރެކޯޑު ސާފުކުރުމުގެ އިތުރުން ރަށްރަށުގެ އާބާދީއަށާއި ކަސްޓަމަރުންގެ ނިސްބަތަށް ބަލައި މުވައްޒަފުންގެ އޮނިގަނޑު އަލުން ވަނީ އެކުލަވާލާފައެވެ.
ފެނަކައަކީ ސުމާރެއްނެތް މިންވަރަށް މުވައްޒަފުން ވެއްދިކަމުގެ ޝަކުވާ އެންމެ ބޮޑުވި އެއް ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!