އެމެރިކާއިން ދޭ ހަމަލާތަކަށް އެއްވަރަކަށް ރައްދުދިނުމުގެ ދައުރު މިހާރު ނިމިފައިވާ ކަމަށާއި، އީރާނުގެ މަސްލަހަތުތަކަށް ދެން ދޭ ކޮންމެ ހަމަލާއަކަށް މާ އަވަސް، މާ ވަރުގަދަ އަދި މާ ވޭންދެނިވި ރައްދެއް ދޭނެ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ.
އީރާނުގެ ގާނޫނުހަދާ މަޖިލީހުގައި (އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީ) ވާހަކަދައްކަވަމުން ގާލިބާފް ވިދާޅުވީ، އިސްތިއުމާރީ ބާރުތަކުގެ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކަކީ ފެށުމެއް ކަމަށާއި، ''ކުޅިވަރުގެ ގަވާއިދުތައް'' މިހާރު ބަދަލުވެފައިވާ ކަމަށެވެ.
ގާލިބާފް ވިދާޅުވީ "އެއްވަރަކަށް ރައްދުދިނުމުގެ" ދައުރު ނިމިއްޖެކަން އެމެރިކާއަށް މިހާރު ފަހުމްވާންޖެހޭނެ ކަމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން އެމެރިކާއިން މިކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެމެރިކާއިން ކުރިމަތިކުރާ އަސްކަރީ ފިއްތުންތަކާއި ފަތުރާ މެސެޖުތަކަކީ ނާކާމިޔާބީގެ ނިޝާނެއްގެ ގޮތުގައި ސިފަކުރައްވައި، ގާލިބާފް ވަނީ ވޮޝިންގްޓަނުން ހަގީގީ އަސްކަރީ ކާމިޔާބީއެއް ހޯދުމުގެ ބަދަލުގައި ބަރޯސާވަނީ ޕްރޮޕެގަންޑާއާއި އޭއައި މެދުވެރިކޮށް އުފައްދާ ފޮޓޯތަކަށް ކަމަށް ތުހުމަތުކުރައްވާފައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މިފަދަ ވަރުގަދަ އިންޒާރެއް ދެއްވާފައި މިވަނީ ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގައި ކަނޑުމަތީގެ ނުރައްކާތެރި ހަމަލާތަކެއް ބަދަލުކުރެވި، މަޝްރަހު ނުހަނު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ފޮނުވުމާ ގުޅިގެން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން އުޅަނދަކަށް ހަމަލާދީފައެވެ. މި ހަމަލާތަކުގެ ތެރެއިން އޯމާން ކަނޑަށް "އެމް/ޓީ ކައިލޯ" ނަމަކަށް ކިޔާ ތެޔޮ އުޅަނދު ވަނީ ފައްތާލާފައެވެ.
ކަނޑުމަތީގެ ހަމަލާތަކުގެ އިތުރުން، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ވަށާލައި ވަރުގަދަ ބްލޮކޭޑެއް ދަމަހައްޓަމުންނެވެ. އަދި އީރާނުގެ ހާރްޖް އައިލެންޑް ހިމެނޭ ގޮތަށް، އެ ގައުމުގެ ހަކަތައާ ބެހޭ މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަށް ވޮޝިންގްޓަނުން ރާވަމުންދާ ކަމުގެ މައުލޫމާތުތައް ވަނީ ފެންމަތިވެފައެވެ.
އީރާނުގެ މި އިންޒާރާއެކު، ތެހެރާނުން ކުރިން ގެންގުޅުނު "ލޮލަކަށް ލޮލެއް" ނުވަތަ ހަމަހަމަ މިންވަރަކަށް ރައްދުދިނުމުގެ ސިޔާސަތު ރަސްމީކޮށް ވަނީ ދޫކޮށްލާފައެވެ. ދެން ދޭ ހަމަލާތަކުގައި، އެމެރިކާއިން ދޭ ހަމަލާތަކަށްވުރެ މާ ބޮޑެތި ގެއްލުންތަކެއް އެމެރިކާގެ އަސްކަރީ އަދި އިގްތިސާދީ މަސްލަހަތުތަކަށް ދިނުމަށް އީރާނުން ވަނީ އަމާޒުހިފާފައެވެ.
އަސްކަރީ ގޮތުން ފިޔަވަޅުތައް ވަރުގަދަކުރުމުގެ އިތުރުން، އީރާނުގެ ވެރިން ވަނީ ގައުމީ ދިފާއީ ސިޔާސަތު ދެ ދާއިރާއަކަށް ބަހާލާފައެވެ. އެއީ ސަރަހައްދީ އަސްކަރީ ފިއްތުންތައް އިތުރުކުރުމާއެކު، ހުޅަނގުގެ ގައުމުތަކުން ކުރިމަތިކުރުވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުމަތީގެ ބްލޮކޭޑްތަކަށް ގައުމުގެ އެތެރޭގެ އިގްތިސާދު ގޮންޖަހައި ހިފަހައްޓާލެވޭނެ ފަދަ އިގްތިސާދީ ގާބިލުކަން އިތުރުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!