ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެގެން ދިޔައީ ރައްޔިތުންގެ ވިސްނުމާއި އެދުންތަކާ އެއްގޮތަށް އެ ޕާޓީން މަސައްކަތް ކުރަމުންދާތީ ކަމަށް، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

މެމްބަރު މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ކޮންގްރެސް ޕާޓީގައި 77،000 މެމްބަރުން އެބަތިބިކަން ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ އެ ޖަލްސާގައި އިއުލާން ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ޕީއެންސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ދުވަސްވަރު ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ތަހައްމަލު ކުރެއްވި ހިތްދަތި އަދި އުނދަގޫ ދަނޑިވަޅުތަކުގެ ހަނދާންތައް އާކުރައްވާފައެވެ.

އެ މާޒީގެ ހަނދާންތަކާއެކު މުހައްމަދު އިސްމާއިލް ވިދާޅުވީ، 77،000 މެމްބަރުންނާއެކު މިއަދު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ އެންމެ ކުރީގައި ޕީއެންސީ ސާބިތުކަމާއެކު އޮތީ، ޕާޓީގައި ވެރިކަން ކުރައްވާ ވެރިންނާއި ލީޑާޝިޕްގައި ތިއްބެވީ ރައްޔިތުންނާއެކު މަސައްކަތް ކުރާ މީހުންނަށް ވާތީ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ވެރިކަން ކުރާ ޕާޓީއާއި ރައްޔިތުންނާ ދެމެދަށް ވަދެގަނެ، ތަން ފަސާދަކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ މީގެ ކުރިން ވެރިކަމަށް ވަޑައިގެންނެވި ވެރިން ދެއްކެވި ނަމަވެސް، އެ ބޭފުޅުންގެ ވެރިކަން ނިންމާލެއްވީ އެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިނުދީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު ބިދޭސީންގެ މައްސަލައަށް ހައްލު ލިބެމުންދާކަމުގެ ހެކިތައް ހިސާބުތަކުން ދައްކުވައިދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ވެރިންނަށް ރައްޔިތުން ފަސް އަހަރުގެ ދައުރެއް ދިނުމުން ގައުމަށް ނުގެނެވުނު އިސްލާހީ ބަދަލެއް ދެން ގެނެވިދާނެތޯ ސުވާލު އުފައްދަވަމުން، މެމްބަރު މުހައްމަދު ވަނީ މި ކަންކަމަށް ބަލައި 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕާޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިކުރުމަށް ގޮވާލައްވާފައެވެ.