ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މެނޭޖްމަންޓް ޓީމުން ނ. އަތޮޅު ހޮސްޕިޓަލަށް ރަސްމީ ދަތުރެއް ކޮށްފިއެވެ.

މިއީ ދެ ހޮސްޕިޓަލުގެ މެދުގައި ތަޖުރިބާ އާއި މަޢުލޫމާތު ޙިއްސާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ދަތުރެކެވެ.

Ad
rt

މި ޒިޔާރަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވަފުދުން ވަނީ ނ. އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުމުގައި އިދާރީ އަދި ޚިދުމަތްތަކާ ގުޅޭ މުޙިއްމު ކަންކަމާމެދު މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ނ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ޤާއިމުކުރެވިފައިވާ އެކި އެކި ވަސީލަތްތައް ކޭއާރްއެޗްގެ ޓީމުން ވަނީ ބަލައިލާފައެވެ. އަދި އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކޮށް، އެކަންކަމާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި، މައިގަނޑު ގޮތެއްގައި މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިފައިވަނީ ބަލިމީހުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުންނެވެ. އަދި ހޮސްޕިޓަލް ހިންގުމުގެ އުޞޫލުތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކައްދެކެވުނެވެ.

މި ދަތުރުގެ ތެރެއިން ދެ ފަރާތުގެ ތަޖުރިބާ އާއި މަޢުލޫމާތު ޙިއްސާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ހޮސްޕިޓަލުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ. މިއީ ދެ އިދާރާގެ ގުޅުން ބަދަހިކޮށް، މަސައްކަތުގެ ފެންވަރު އަރުވައިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ރީޖަނަލް ހޮސްޕިޓަލްތަކުގެ މެދުގައި ކުރެވޭ މިފަދަ ތަޖުރިބާ ދަތުރުތަކާއި ޒިޔާރަތްތަކުގެ ސަބަބުން މުޙިއްމު މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެންދެއެވެ. އެ އަލީގައި، އަތޮޅުތަކުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ތަރައްޤީ ކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.