ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.
މާލެ އޭރިއާގެ ފުލުހުން ބައިވެރިވި މި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލެ ވަށައިގެންނެވެ.
މާލޭގައި ކުރިއަށްދިޔަ މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުން ފުލުހުންގެ އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ޚިދުމަތުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މާލޭގައި ބޭއްވި މި ހިނގާލުމުގައި ބައިވެރިވެލެއްވިއެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި އޮންނާނެއެވެ. އަދި "ޕޮލިސް ފެމިލީ ނައިޓް" ވެސް ސޯޝަލް ސެންޓަރުގައި މިރޭ އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!