ދުނިޔޭގެ ގައުމުތަކާއި ބައްރުތަކުގެ އަސްލު ބޮޑުމިން އެނގޭނޭހެން ޗާޓުތައް ބޭނުންކުރުމަށް ބާރުއަޅައި، މިހާރު އާންމުކޮށް ބޭނުންކުރަމުން އަންނަ "މާކޭޓަރ" ޗާޓުގެ ބަދަލުގައި "އީކުއަލް އާތު" ފަދަ ޗާޓުތަކަށް ބަދަލުވުމަށް އިރުޝާދުދޭ ޤަރާރެއް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ 164 ގައުމެއްގެ އަޣުލަބިއްޔަތުންނެވެ. މި ޤަރާރާއި ދެކޮޅަށް ވޯޓުދީފައި ވަނީ އެމެރިކާ އެކަންޏެވެ.

Ad
rt

ސެޕްޓެމްބަރު 4، 2026 ގައި ނެގި މި ވޯޓަކީ އެފްރިކަން ޔޫނިއަންގެ ނަމުގައި ޓޯގޯއިން އިސްނަގައިގެން ހުށަހެޅި "ކޮރެކްޓް ދަ މެޕް" ޤަރާރެވެ. މިއީ ތައުލީމީ، މީޑިއާ އަދި ސަރުކާރުގެ އިދާރާތަކުގައި 1569 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މާކޭޓަރ ޕްރޮޖެކްޝަންގެ ބަދަލުގައި، ބިންތަކުގެ އަސްލު ބޮޑުމިން ސައްހަކޮށް ދައްކައިދޭ "އީކުއަލް އާތު" ފަދަ އެކަށީގެންވާ ޗާޓުތަކަށް ބަދަލުވުމަށް ބާރުއަޅާ ޤަރާރެކެވެ.

މި ޤަރާރާ ދެކޮޅަށް ވޯޓުދިން ހަމައެކަނި ގައުމަކީ އެމެރިކާއެވެ. އެމެރިކާއިން ބުނެފައިވަނީ މިއީ ބޭނުމެއް ނެތް، އަދި ސެކިއުރިޓީއާއި ޖިއޯޕޮލިޓިކަލް މުހިންމު ކަންކަމުން ސަމާލުކަން ކުޑަކޮށްލުމަށް ހުށަހެޅި އައިޑިއޮލޮޖިކަލް ކަމެއް ކަމަށެވެ. މީގެ އިތުރުން އެސްޓޯނިއާ، ޖޯޖިއާ، ލިތުއޭނިއާ، މޮރޮކޯ، ސާބިއާ އަދި ޔޫކްރެއިން ހިމެނޭހެން ހަ ގައުމަކުން ވަނީ މި ވޯޓުގައި ވަކިފަރާތަކަށް ނުޖެހި ތިބެފައެވެ.

ކަނޑުދަތުރުފަތުރަށް ހާއްސަކޮށްގެން ފަރުމާކުރި މާކޭޓަރ ޗާޓަކީ މިސްރާބާއި ކަންތައްތައް ރަނގަޅަށް ދައްކުވައިދޭ ނަމަވެސް، ބިންތަކުގެ އަސްލު ބޮޑުމިން ވަރަށް ބޮޑަށް އޮޅުވާލާ މެޕެކެވެ. މިއީ ދުނިޔޭގެ އީކުއޭޓަރު ކައިރީގައިވާ ސަރަހައްދުތައް ކުޑަކޮށް، އަދި ދުރަށްދާ ވަރަކަށް ބިންތައް ބޮޑުކޮށް ދައްކައިދޭ ޗާޓެކެވެ. އެގޮތުން މާކޭޓަރ މެޕުގައި ގްރީންލޭންޑާއި އެފްރިކާގެ ބޮޑުމިން އެއްވަރަކަށް ދެއްކި ނަމަވެސް، ހަގީގަތުގައި އެފްރިކާއަކީ ގްރީންލޭންޑަށްވުރެ 14 ގުނަ ބޮޑު ބައްރެކެވެ.

"އީކުއަލް އާތު" މެޕަކީ 2018 ވަނަ އަހަރު ކާޓޯގްރަފަރުން ކަމަށްވާ ބޯޔަން ޝާވްރިޗް، ޓޮމް ޕެޓަރސަން އަދި ބާންހާޑް ޖެނީ ފަރުމާކުރި ޗާޓެކެވެ. މި ޗާޓުގެ މައިގަނޑު ބޭނުމަކީ ކޮންމެ ގައުމަކާއި ބައްރެއްގެ ސަތހައިގެ އަސްލު ބޮޑުމިން އެއް ނިސްބަތަކުން ދަމަހައްޓައި، ބަލާލަން ރީތި ބައްޓަމެއްގައި ދުނިޔެ ދައްކުވައިދިނުމެވެ. މީގެ އިތުރުން އެމެރިކާ، ވިލާތު އަދި ރަޝިއާ ފަދަ އުތުރުގެ ގައުމުތަކުގެ ބޮޑުމިންވެސް މިއިން ދައްކައިދެނީ ދުނިޔޭގެ އަސްލު ސަތހައިގެ ނިސްބަތުންނެވެ.

އދ. ގެ އާންމު މަޖިލީހުން ފާސްކުރި މި ޤަރާރަކީ ގާނޫނީގޮތުން ގައުމުތަކުގެ މައްޗަށް މަޖުބޫރުވާ ޤަރާރެއް ނޫނެވެ. ނަމަވެސް މިއީ ރަމްޒީ އަދި ތައުލީމީގޮތުން ބޮޑު އަހައްމިޔަތެއް ދެވޭ ނިންމުމެކެވެ. މިއާއެކުވެސް، ކަނޑުގެ އަދި ވައިގެ ދަތުރުފަތުރުގައި މިސްރާބު ހޯދުމަށް މާކޭޓަރ ޗާޓު ކުރިއަށް އޮތް ތަނުގައިވެސް ބޭނުންކުރަމުންދާނެއެވެ.