ހއ. ތަކަންދޫއިން އެ އަތޮޅު އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި، މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ތަކަންދޫ ބަނދަރު ސަރަހައްދުންނެވެ.

Ad
d

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. އިހަވަންދޫ، ބިޖިލީގެ، އަޙްމަދު ޝައްމާޚް (26އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މިއީ އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ސެޕްޓެމްބަރު 1 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 2.0 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ޝައްމާޚްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad
df

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.