ހއ. ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ ދައްޕަރު، ގާނޫނު ބުނާގޮތަށް ރަސްމީކޮށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ޓޫރިޒަމަށް ކަނޑައަޅާފައި ނުވަނީސް 50 އަހަރަށް ކުއްޔަށް ދިނުމަށް އިއުލާނުކުރުމާ ގުޅިގެން، އެ ޓެންޑަރު ހުއްޓުވައި ބާތިލުކުރުމަށް އެދި ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ފިއްލަދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގެ ކޮޕީއެއް ވަނީ މި ނޫހަށްވެސް ލިބިފައެވެ. މި ޕެޓިޝަނުގައި ސޮއިކުރާ ރައްޔިތުން ގޮވާލަނީ، ދައްޕަރުގެ 226.13 ހެކްޓަރުގެ ބިމާއި ފަޅު 50 އަހަރުގެ ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ކޮށްފައިވާ އިއުލާން (ނަންބަރު: 252/252/2026/125(IUL)) އާ އެއްގޮތަށް ކުރިއަށްދާ ޓެންޑަރު މިހާރުން މިހާރަށް ހުއްޓާލައި ބާތިލުކުރުމަށެވެ. އަދި މި ޓެންޑަރުގެ ދަށުން ބިޑް ހުޅުވުމާއި، އިވެލުއޭޓް ކުރުމާއި، އެވޯޑް ކުރުން ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން ފަދަ އެއްވެސް މަރުހަލާއެއް ކުރިއަށް ނުގެންދިއުމަށްވެސް ޕެޓިޝަނުގައި ވަނީ އެދިފައެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައްޕަރު ތަރައްގީވުމަށް ރައްޔިތުން ދެކޮޅެއް ނުހަދައެވެ. ނަމަވެސް އެ ސަރަހައްދު ކުއްޔަށް ދިނުމަށް ދެކޮޅުހަދާ މައިގަނޑު ސަބަބަކީ، ފިއްލަދޫގެ މިހާރުގެ ލޭންޑް ޔޫސް ޕްލޭންގައި ދައްޕަރު ހިމެނިފައި ނެތުމާއި، ގާނޫނީ އޮނިގަނޑުގައި ބުނާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ނުވަތަ އައިލެންޑް ޑިވެލޮޕްމަންޓް މާސްޓް ޕްލޭން ފުރިހަމަކޮށްފައި ނުވުމެވެ. މީގެއިތުރުން، ޖޫލައި 29 ގައި ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ދައްޕަރާ ގުޅޭގޮތުން މަޝްވަރާކުރަން ފުރުސަތު ދީފައި ނުވާކަމަށާއި، އޮގަސްޓް 6 ގައި ކައުންސިލްގެ އާންމު ބައްދަލުވުމުން އިންވެސްޓަރަކު ހޯދުމަށް ލިޔެކިޔުން ފާސްކޮށް ޓެންޑަރު އިއުލާނުކުރީ އޮގަސްޓް 20 ގައެވެ.
މީގެއިތުރުން، މާލީ ޝަރުތުތަކަށް ގެނެސްފައިވާ ބަދަލުތަކާމެދުވެސް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު ދައްޕަރު ކުއްޔަށް ދިނުމަށް ހުޅުވާލިއިރު ލީޒް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި މަދުވެގެން 1،000،000 ޑޮލަރު ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ 400،000 ޑޮލަރެވެ. މިއީ ކުރީގެ އަގަށްވުރެ 60 އިންސައްތަ ކުޑަ އަދަދެއްކަން ފާހަގަކޮށް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވަމުންދާ ދަނޑިވަޅެއްގައި އަގު ކުޑަވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
ރަށުގެ އިހުތިސާސުން 40،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ދޫކުރުމާއި، 5 އަހަރަށްވުރެ ދިގު މުއްތަދަކަށް ބިމެއްގެ ބާރުވެރިކަން ދިނުމާއި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުން ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ފިއްލަދޫގެ 18 އަހަރުން މަތީގެ އާބާދީގެ މަދުވެގެން 50 އިންސައްތަ ރައްޔިތުންގެ ސީދާ ރުހުން ހޯދުމަށްފަހު ކަމަށްވެސް ޕެޓިޝަނުގައި ގޮވާލާފައިވެއެވެ. އަދި ދައްޕަރާ ގުޅޭގޮތުން 50 އަހަރުގެ ދިގު މުއްދަތުގެ ބޮޑު ނިންމުމެއް ނިންމަންވާނީ ފިއްލަދޫގެ ރައްޔިތުންގެ ބަސް ސީދާ ހިމަނައިގެން ކަމަށް ފާހަގަކޮށްފައިވެއެވެ.
ދައްޕަރުގެ މައްސަލައިގައި މީގެ 5 އަހަރު ކުރިންވެސް "ސޭވް ދައްޕަރު" ގެ ނަމުގައި ސިޔާސީ ފިކުރު އެއްކިބާކޮށް ކައުންސިލާއި، ޒުވާނުން އަދި މުޅި ރައްޔިތުން ގުޅިގެން ވަނީ ހަރަކާތެއް ހިންގާފައެވެ. އެފަހަރު 467 ރައްޔިތުން ސޮއިކުރި ޕެޓިޝަނެއް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ހއ. އަތޮޅު ކައުންސިލުންވެސް ވަނީ ދައްޕަރު ފިއްލަދޫގެ އިހުތިސާސްގެ ތެރެއަށް އިޔާދަކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްގެ ސިޓީއެއް ފޮނުވާފައެވެ. އެއާއެކު، 29 އޮގަސްޓް 2021 ގައި ނެރުނު ގަރާރު ބާތިލުކޮށް، ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ވަނީ ހިމަނައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!