ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. މިގޮތުން ރަށުގެ މަގު ހެދުމުގެ މަސައްކަތާއި، ސްކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކޮށްފަވެއެވެ.

މީގެއިތުރުން، ރަށުގެ ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި، ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. އަދި ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި، ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދެއްވުމުގެ އިތުރުން، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި، އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ކައުންސިލުގެ މެންބަރުންނަށް ދެއްވިއެވެ.

ނޮޅިވަރަންފަރު ކައުންސިލް މިވަގުތުދަނީ ރަށުގެ ތަރައްގީގެ މަޝްރޫޢުތައް އަވަސްކުރުމަށް މަސައްކަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާއި ބައްދަލުކުރުމަށް މާލެ އަށް ދަތުރެއް ކުރަމުންނެވެ.