ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026" ގެ އިތުރު ތިން މެޗެއް މިއަދު ކުޅެފިއެވެ.
އެ ގޮތުން މުބާރާތުގެ ފަސްވަނަ މެޗަކަށް ކުޅެފައިވާ ފުޓްސަލް މެޗުގައި ބައްދަލުކުރީ ޓީމް ޕިންކާއި ޓީމް އޮރެންޖެވެ.
މި މެޗްގައި 3-1 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި މެޗްގައި ޓީމް އޮރެންޖްގެ ލަނޑުތައް އަޙްމަދު ސިމަކް ސިޔާމާއި، ކައިސް އިސްމާޢީލް ވަހީދު ކާމިޔާބުކޮއްދީފައިވާއިރު، ޓީމް ޕިންކްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮއްދީފައިވަނީ ޢިއްޒު މުޙައްމަދު ރަޝީދެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ދަ މެޗް"އަށް ހޮވިފައިވަނީ ޓީމް އޮރެންޖްގެ އަޙުމަދު ސިމަކް ސިޔާމެވެ. މިއީ މި މުބާރާތުގައި ސިމަކް މި މަޤާމް ހޯދި ދެ ވަނަ ފަހަރުކަން ފާހަގަ ކުރެވެއެވެ.
ރަމްޒް ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މެޗެއް ކުޅެނީ، ފޮޓޯ: ރަމްޒް ސްޕޯޓްސް އެކަޑަމީ
މީގެއިތުރުން މިއަދު މި މުބާރާތުގައި އިތުރު ހޭންޑްބޯލް މެޗެއް ކުރިއަށްގެންގޮސްފައިވެއެވެ. މި މެޗުގައި ބައްދަލު ކުރީ ޓީމް ގްރީންއާއި ޓީމް ޕިންކެވެ. މި މެޗު ކާމިޔާބުކޮއްފައިވަނީ 0-3 ގެ ނަތީޖާއިން ޓީމް ޕިންކެވެ. ޓީމް ޕިންކްގެ ތިން ލަނޑު ވެސް ޖަހައިދީފައިވަނީ ކްލާރާ ބިންތު ޢަލީ ރަމްޒީއެވެ. މި މެޗްގެ "ކުއީން އޮފް ދަ މެޗް" ވެސް ޙާޞިލް ކޮއްފައިވަނީ މި މެޗްގައި މޮޅު ކުޅުމެއް ދެއްކި، ކްލާރާއެވެ.
އެންމެ ފަހު މެޗެކަށް މިއަދު ކުޅުނު، ޓީމް ޕިންކް އަދި ޓީމް އޮރެންޖްގެ ފުޓްސަލް މެޗް ކާމިޔާބު ކޮއްފައިވަނީ 2-1 ގެ ނަތީޖާއިން ޓީމް ޕިންކެވެ. މި މެޗްގެ ދެ ގޯލް ވެސް ޖަހައިދީފައިވަނީ، މި މެޗްގެ މޮޅު ކުޅުންތެރިޔާ ނުވަތަ " ކިންގް އޮފް ދަ މެޗް " ޙާޞިލް ކުރި އަޙްޔާން ޝިހާމް ރަޝާދެވެ. މި މެޗްގައި ޓީމް އޮރެންޖުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ މުޙައްމަދު އައްފާން އަލީ ފަރުހާދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!