މަންފާ ޖަމިއްޔާއިން ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދާ ސިލްސިލާ ދީނީ ޕްރޮގްރާމް ''މަންފާ ދަތުރު''ގެ ޕްރޮގްރާމްތައް ހދ. ނައިވާދޫގައި މިއަދު ފަށައިފިއެވެ.

ނައިވާދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ވަޙްދަތުގެ ނޫރު 2026"ގެ ނަމުގައި، ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން، ނައިވާދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެންނެވެ.

Ad
rt

މި ޕްރޮގްރާމްގައި ބައިވެރިވުމަށް މަންފާ ޓީމު މިއަދު ނައިވާދޫ އަށް ދިޔުމުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

''މިފަހަރުގެ މަންފާ ދަތުރުގައި އަޅުގަނޑުގެ ބައްޕަގެ ރަށް ނައިވާދޫ އަށް، އަލްހަމްދުލިﷲ، '' ނައިވާދޫގައި ހުންނަވާ މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.

މި ދަތުރުގައި މަންފާ ޓީމުގައި ސައިޚެއްގެ ގޮތުގައި ވަޑައިގަތީ ޝެއިޚް އާދަމް ނިޝާންއެވެ.

ނައިވާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއް ވެސް ކުރިއަށް ގެންދަވާނީ "މަންފާ" ދަތުރުގެ ތެރެއިން އައްޝެއިޚް އާދަމް ނިޝާނާއި، މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒެވެ.

އެ ގޮތުން ނަމާދުތަކަށް ފަހު، ދަރުސް ދެއްވުމާއި، ނަމާދު ސެޝަނެއް އަދި ހަމައެކަނި ފިރިހެން ކުދިންނަށް ބަންގި ސެޝަނެއް ވެސް މި ޕްރޮގްރާމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވެއެވެ. އޭގެއިތުރުން، 8 އަހަރާއި 14 އަހަރުގެ ދެ ޖިންސުގެ ކުދިންނަށް ކުޑަކުދިންގެ ސެޝަނެއް ނަގައިދޭ ގޮތަށް ނިންމާފައިވެއެވެ.

މީގެއިތުރުން އެ ރަށު ރައްޔިތުންނަށް ޚާއްޞަކޮށް، ދަރުސް ދިނުމާއި، ޒުވާނުންގެ ކޮފީއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެ ރަށުގައި 4 ސެޕްޓެމްބަރ ވާ ހުކުރު ދުވަހު، އެ ރަށުގައި ޚުޠުބާ ދެއްވާނީ އަލްއަޚް ޢަލީރަމީޒް ކަމަށް، އެ ރަށު ކައުންސިލުން ހާމަކޮއްފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 3 ސެޕްޓެމްބަރ 2026އިން 05 ސެޕްޓެމްބަރ 2026އަށެވެ.