އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް 2027 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ހިނގައިދާނެތީ އެކަމަށް އެމެރިކާއިން އްޔާރުވަމުން އަންނަ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާ މުއްދަތު މިހާރު ދަނީ އިތުރުކުރަމުންނެވެ.

Ad
rt

އެ ރިޕޯޓް ބުނާގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އާއި ޕެންޓަގަނުން ދަނީ މެދުއިރުމަތީގައި ސިފައިން ހޭދަކުރާ މުއްދަތު އިތުރުކުރަމުންނެވެ. އެގޮތުން އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ހުއްޓުވުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ވައިގެ ދިފާއީ ޔުނިޓްތަކުގެ ޑިއުޓީ 9 މަސްދުވަހުން 12 މަސްދުވަހަށް ވަނީ ދިގުދައްމާލާފައެވެ. އަދި ކުރިން ޔޫރަޕް ނުވަތަ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ބައެއް ފައުޖުތައް މެދުއިރުމަތީގައި ހަރަކާތްތެރިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެ ރިޕޯޓް ބުނާގޮތުން މިވަގުތު މެދުއިރުމަތީ ސަރަހައްދުގައި އެމެރިކާގެ 50،000 އެއްހާ ސިފައިންނާއި 19 ހަނގުރާމަމަތީ މަނަވަރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ދެ އެއާކްރާފްޓް ކެރިއަރާއި 13 ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރު ހިމެނޭއިރު، ތިންވަނަ އެއާކްރާފްޓް ކެރިއަރު ކަމަށްވާ ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް ވެސް އެ ސަރަހައްދަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގެ މި ދިގުދެމިގެންވާ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޭނުންވެއްޖެ ހާލަތެއްގައި ހަނގުރާމަ ވަރުގަދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އިސް އަސްކަރީ އޮފިޝަލުން ވަނީ ވައިގެ ހަމަލާތައް ވަރުގަދަކުރުމާއި، ހޮރްމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ރަށްތައް ހިފުމަށް ހިންގާ އޮޕަރޭޝަންތައް ހިމެނޭ ޕްލޭންތަކުގެ މައުލޫމާތު ރައީސަށް އަރުވާފައެވެ.

އަސްކަރިއްޔާއިން 2027 އަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، ރައީސް ޓްރަމްޕް ވަނީ މި ހަނގުރާމަ ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނުކުރުމާ މެދު އެތެރޭގެ މަޝްވަރާތަކެއް ކުރައްވާފައެވެ. އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުމަގުން އަޅާ ބަންދުތަކުގެ ސަބަބުން، ދިގުލީ ހަނގުރާމައަކާ ނުލައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ނުވަތަ އެގައުމުގެ ސަރުކާރު ވެއްޓުމަށް މަގުފަހިވެދާނެ ކަމަށް ޓްރަމްޕް ގަބޫލުކުރައްވައެވެ.

އަސްކަރީ އޮފިޝަލުންނާއި ތަހުލީލުވެރިން އިންޒާރު ދެއްވާ ގޮތުގައި މި އޮޕަރޭޝަންތައް 2027 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ދިއުމަކީ އެމެރިކާގެ ސިފައިންނަށް އިންތިހާއަށް ބުރަބޮޑުވެ، ބޮޑެތި ލޮޑުކަމަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. މީގެ އިތުރުން މަނަވަރުތަކާއި ވައިގެ ދިފާއީ ނިޒާމުތައް މަރާމާތުކުރުމަށް ހުރަސްއެޅި، އެކަންކަން ހައްލުކުރުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.