ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލުން ވެއްޓުނު ނުވަ އަހަރުގެ ކުއްޖާގެ ގައިގައި ކާރަކުން ޖެހި ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ވިނަރެސް 7 ޓަވަރު ކައިރި، ހިތިގަސްމަގުގައި ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދު (9އ) އެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

Ad
rt

ރޭ ފުލުހުންގެ އިދާރާއިން ބުނީ، ސީސީޓީވީ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު ވަނީ މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓިފައެވެ.

އެ ވަގުތަކީ ކަނާތްފަރާތު ލޭނުން އެހެން ކާރެއް ދުއްވާފައި އައި ވަގުތަކަށްވާތީ، އެ ކާރަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު ޒީވާގެ ގައިގައި ޖެހި ނުވަތަ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަން މުޅިން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން މިހާރު ދަނީ ކުރަމުންނެވެ.

ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލު ދުއްވަން އިނީ ޒީވާގެ އުމުރުން 18 އަހަރުގެ ބޮޑުދައިތައެވެ. މި ހާދިސާގައި އޭނާއަށްވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދީފައިވެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި، އެކްސިޑެންޓުވުމާއެކު ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. އަދި ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ ކަމަށްވެސް އެސަރަހައްދުގައި ތިބި މީހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯވކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސްވެސް ހިފަހައްޓާފައެވެ. މީގެއިތުރުން، މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރަކީ ކުރިންވެސް ލައިސަންސް ހިފަހައްޓާފައި ހުރި މީހެއްކަމުން، އޭނާ ލައިސަންސް ނެތި އުޅަނދު ދުއްވުމުން ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައެވެ.