ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނީ، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އެ ރޭ 21:04 ހާއިރު ކަމަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލު ޖެހިގެންނެވެ.

Ad
rt

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖާއަށެވެ. އެ ދެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފައިވާއިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އެ ރޭ ފުލުހުން ބުނެފަވެއެވެ.

ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް އަނިޔާވެ ހާލު ސީރިއަސް

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ ތެރެއިން ހާމަކުރެވެންހުރި އިތުރު ތަފްސީލުތައް މިއަދުގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށެވެ.