މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ބުޅާ ގެންގުޅުމަށް ހާއްސަ "ކެޓް އައިލެންޑް" އެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކެޓް އައިލެންޑެއް ތަރައްގީކުރުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށެވެ. މީގެ ތެރޭގައި ބޭރުގެ ފަރާތަކުން (އިންޓަރނޭޝަނަލް ޕާރޓީއަކުން) ހުށަހަޅާފައިވާ ވަރަށް ރަނގަޅު ޕްރޮޕޯސަލެއް ވެސް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހަރަދުތަކެއް ހިނގާ ކަމެއް މީގެން ކޮންމެ މަސައްކަތަކީ ވެސް. ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކައި ވެސް އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ލިބިފައި. އެ އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ޕެޓް ކޮމިއުނިޓީއަށް ލިބޭނެ ވަރަށް އުފާވެރި ހަބަރެއް ކަމަށާއި، ކޫޑުކޮށްފައި (ކޭޖްކޮށްފައި) ބެހެއްޓުމުގެ ބަދަލުގައި ބުޅަލަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިފަދަ ރަށެއް ގާއިމުކުރެވިއްޖެނަމަ، އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވެސް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީއާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަދެއްކެވިއެވެ. އެގޮތުން، އެ ފެސިލިޓީގައި މިވަގުތު 280 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޮޅުހިޔާގެ ޖާގަ އިތުރުކުރުމަށްޓަކައި މިހާރު މަރާމާތުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ނިމުމުން ގާތްގަނޑަކަށް 500 އެއްހާ ބުޅާ ބެލެހެއްޓޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ނަމަވެސް، މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާ އާއި އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޮޅުހިޔާ ފެސިލިޓީއަކީ މަގުމަތީގައި ބުޅާ ގިނަވެ، މަގުތައް ހަޑިވެ ނަޖިސްވުމުގެ މައްސަލައަށް ހައްލެއް ހޯދައި، އޯގާތެރިކަމާއެކު ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރި ތަނެކެވެ. އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި، ކްލިނިކަކާއި، ލެބޯޓްރީއެއްގެ އިތުރުން ބޭސްތައް ހުންނަ ފާމަސީއަކާއި ބުޅާތައް އުޅޭނެ ހާއްސަ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!