ނ.އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން، ނ.އަތޮޅު ހޮސްޕިޓަލްގައި، ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
"ސަބް-ސްޕެޝަލިޓީ ކޭމްޕް 2026" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހެވެ.
ނޫނު އަތޮޅު ހޮސްޕިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި މި ކޭމްޕުގައި ތަފާތު ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ހިތުގެ ބަލިތަކަށާއި، ނާރުގެ ބަލިތަކުގެ އިތުރުން ފުއްޕާމޭ އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ފަރުވާ ދެއްވާނެއެވެ. ފާހަގަ ކުރެވޭ ގޮތުގައި މި މެޑިކަލް ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވަނީ މުޅިން ވެސް ދިވެހި ޑޮކްޓަރުންނެވެ.
މީގެއިތުރުން، ސެޕްޓެމްބަރ 17 ވަނަ ދުވަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އޮންނަ ސަރޖިކަލް ކޭމްޕާއި ގުޅިގެން، އޮޕަރޭޝަންގެ ޚާއްސަ ޑޮކްޓަރަކު ވެސް މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ނ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
ކޭމްޕުގައި ބައްލަވާ ޑޮކްޓަރުން:
- ނާރުގެ ބަލިތަކަށް ޚާއްޞަ ޑރ. ޢަބްދުލް ޤާދިރު
- ހިތުގެ ބަލިތަކަށް ޚާއްޞަ ޑރ. މުސައްދަޤް މުސްތަފާ
- ފުއްޕާމޭގެ ބަލިތަކަށް ޚާއްޞަ ޑރ. ވަސީމް މުޙައްމަދު
- އޮޕަރޭޝަންތަކަށް ޚާއްޞަ ޑރ. މުސްތަފާ ޙުސައިން
މި ކޭމްޕުގައި ފަރުވާދެއްވާ ޚާއްސަ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދެވުމަށްޓަކައި، ހޯމަ އަދި އަންގާރަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00އަށް އެ ހޮސްޕިޓަލްގެ ނަންބަރު 6568090 އަށް ގުޅުއްވައި ނުވަތަ 7990729އަށް މެސެޖްކުރައްވައި ނަންނޯޓު ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!