ށ. ކަނޑިތީމުގައި ވިޔަފާރިކުރައްވާ އަދި ވިޔަފާރިކުރަން ޚިޔާލު ކުރައްވާ ހުރިހާ ފަރާތްތަކަށް "ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ" މަޝްރޫޢުގެ ދަށުން "ރަށް ތައްޔާރު! ވިޔަފާރިވެރިންގެ އޮންލައިން ސައްލާ" ގެ ނަމުގައި ސައްލާއެ ބޭއްވުމަށް ނިންމައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ވިޒިޓް ކަނޑިތީމުން ބުނިގޮތުގައި މި ސައްލާއަކީ ބްލޫ ގިލްޑް ފައުންޑޭޝަނުން ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން ކުރިއަށް ގެންދާ ސައްލާއެކެވެ.

Ad
rt

މިއީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމްގެ ހިލޭ އެހީ އަދި އީޔޫ/ ދަ އޭޝިޔާ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މިއީ، ވިޒިޓް ކަނޑިތީމު ޕްރޮޖެކްޓް ތަޢާރަފް ކުރުމާއި، ވިޔަފާރިވެރިންނަށް ޕްރޮޖެކްޓްތެރެއިން ހުރި ފުރުޞަތުތައް ޙިއްސާކުރުމާއި، ވިޒިޓް ކަނޑިތީމު ވެބްސައިޓް، ވެންޑަރ ރަޖިސްޓްރޭޝަންގެ އިތުރުން އެމްއޯޔޫގައި ސޮއިކުރުމުގެ ކަންކަން ހިއްސާކުރުމުގެ މަޤްޞަދުގައި ބާއްވާ ސައްލާއެކެވެ.

މި ސައްލާގައި 18 އަހަރުން މަތީގެ ކަނޑިތީމުގައި ވިޔަފާރިއެއް ކުރައްވާ ކޮންމެ ޖިންސެއްގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެކަމަށް ވިޒިޓް ކަނޑިތީމުން މީސްމީޑިއާއަށް ދޫކޮއްލާފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ. މީގެއިތުރުން، ވަކިން ޚާއްސަކޮށް ދެ ޖިންސުގެ ޒުވާނުން، އަންހެނުން، އަލަށް ފަތުރުވެރިކަމާގުޅުން ހުރި ވިޔަފާރިއެއްގެ ތެރެއަށް ވަންނަން ޝައުޤުވެރިވާ ނުވަތަ އެކަމަށް ވިސްނާ ފަރާތްތަކާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، މި ކަމަށް ޝައުޤުވެރިކަން ހުރި ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެކަމުގައި އެ ފަރާތުން ހާމަކޮއްފައިވެއެވެ.

މި އޮންލައިން ސައްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ ރޭ، 8:30 އިން 9:30އަށެވެ.

މި ސައްލާގައި ބައިވެރިވުމަށްޓަކައި "ވިޒިޓް ކަނޑިތީމު" ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުމަށް އެ ފަރާތުން އެދިފައިވެއެވެ. ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މީޓިން ފެށުމުގެ ކުރިން އޮންލައިން ކޮންމެވެސް ޕްލެޓްފޯމަކުން މީޓިން ލިންކް ފޮނުވާލެވޭނެކަމަށް ވެސް ވިޒިޓް ކަނޑިތީމު ޕޭޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ ޖުލައި މަހު ކަނޑިތީމުގައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމަކަށް ރަށު ކައުންސިލް އާއި ބްލޫ ގިލްޑް ފައުންޑޭޝަނުން ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އެކަމަށް ހުރި ފުރުސަތުތަކުގެ ވާހަކަ ދައްކާލާ މަޝްވަރާކޮށްލުމަށް ސައްލާއެއް ބާއްވާފައެވެ.