އެއްވެސް އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ މީހުންގެ އާއިލާތައް ބިކަކޮށްލިކަމަށް ބުނެ މައްސަލަ އެ ރަށު ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މާރަންދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއްވެސް އިންޒާރަކާ ނުލައި 27 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން 13 އާއިލާއެއް މަގުމަތިވެ، ބިކަވެފައިވާ ކަމަށެވެ. މިއީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވެ، ކުށްވެރިކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

Ad
rt

ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ބޮލާލައި ޖެހުމަށްފަހު، މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގި މި އަމަލަކީ ވަރަށް ފިނޑި، އަދި ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ކުންފުނިތައް ރައިޓްސައިޒްކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ގިނަ އާއިލާތަކެއް ނިކަމެތިކޮށް ހާލުގައި ޖެއްސުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކުގައި ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް އުފައްދަމުންދާ ކަން ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ވަކި ބަޔަކަށް ނާޖާއިޒު ނަފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ކައުންސިލުން ވަނީ ސިފަކޮށްފައެވެ.

މާރަންދޫ ކައުންސިލުން ބުނި ގޮތުގައި، މިފަދަ ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް، ރައްޔިތުން އަޅުފާސްތުކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެކެވެ.

އެހެންކަމުން، ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކަށް މާރަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށް، ގޮވާލާފައެވެ.