ސަރުކާރުން ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓުތަކުން މުވައްޒަފުންނަށް އަންގަމުންދާތީ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ފަށައިފިއެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ބަދަލު ގާނޫނަށް ވަނީ ގެނެސްފައެވެ. ގާނޫނަށް ގެނެވުނު މި ބަދަލާއެކު، އަންނަ އޮކްޓޯބަރު މަހުން ފެށިގެން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރިސޯޓުތަކުން ދިވެހި ފައިސާއަށް މާރުކުރަން ޖެހޭނެއެވެ.
ރިސޯޓުތަކުން މުސާރަ ދެނީ ޑޮލަރުން ކަމަށްވުމާއެކު، މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެހެންކަމުން، އެކަމާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ފެށުމަށް ޓީމުން ވަނީ ނިންމާފައެވެ.
އެ ކެމްޕޭނުގެ ދަށުން އެންމެ ފުރަތަމަ ކުރަމުންދާ ކަމަކީ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތެވެ. ޓީމުން ހާމަކޮށްފައިވާ ގޮތުގައި އެ ޔޫނިއަންގެ ހުރިހާ މެންބަރު ރިސޯޓަކުން ވަނީ މި ޕެޓިޝަނަށް އެއްބާރުލުން ދިނުމަށް ނިންމާފައެވެ. މީގެއިތުރުން، ޔޫނިއަންގައި ނުހިމެނޭ ރިސޯޓުތަކުން ވެސް މި ޕެޓިޝަނަށް ވާގިވެރިވުމަށް ޓީމުން ވަނީ ގޮވާލާފައެވެ.
މި ޕެޓިޝަނުގައި ޑިމާންޑުކުރަނީ ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލުމަށެވެ. އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން ޓީމުގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކުރުމުން ހަމަޖެހޭނެ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
ރިސޯޓު މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވި ހާލަތެއްގެ އަގު މުވައްޒަފުން ދައްކަންޖެހޭ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް ޓީމުން ވަނީ ބުނެފައެވެ. އަދި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި މުސާރަ ދިވެހި ރުފިޔާއަށް ބަދަލުކުރަން ތާއިދުނުކުރާކަން ވެސް އެ ޖަމިއްޔާއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަންޖެހޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ޓީމުން ވަނީ ބުނެފައެވެ. މީގެއިތުރުން، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!