ހއ.އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށް، މުޅި ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ "އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2026"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތަކީ ހއ. އަތޮޅުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި، ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުމާއި، ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީ ކުޅުންތެރިން ފާހަގަކޮށް، އެ ފަރާތްތަކަށް ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެކެވެ.

Ad
d

މި މުބާރާތަކީ ހއ. އިހަވަންދޫގެ ފިރިހެން ވޮލީ ކުޅުންތެރިންނަށް (ޓީމުތަކަށާއި)، އިހަވަންދޫ ފިޔަވައި، ހއ އަތޮޅުގައި ހުރި ކުލަބް ޖަމިއްޔާތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެއްކަމުގައި އިހަވަންދޫ ކައުންސިލުން ބުނެފައިވެއެވެ. އަދި އެއްވެސް ޓީމެއްގައި މަދަރުސާގައި ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރަކު ހިމަނާނަމަ، ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ، މުބާރާތް ހިންގާ ފަރާތަށް ޓީމް ލިސްޓާއެކު ހުށަހަޅަން ވާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ އިޢުލާނުގައިވާ ގޮތުގައި، މި މުބާރާތުގެ ޗެމްޕިއަންޓީމަށް 30،000ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީއާއި ރަންމެޑަލް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ރަނަރަޕްޓީމަށް ކަނޑައަޅާފައިވަނީ 10،000ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ރިހި މެޑަލްއެވެ. މީގެއިތުރުން ވެސް މުބާރާތުގެ ޚާއްސަ މަޤާމްތަކަށް ޓްރޮފީ ދިނުމަށް އެ ކައުންސިލުން ނިންމާފައިވެއެވެ.

18 ސެޕްޓެމްބަރ 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

Ad
df

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން، 5 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އިހަވަންދޫ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ. އަދި ހަމައެއާއެކު އެ ކައުންސިލުން ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދެވޭނީ ހަތަރު ޓީމަށްވުރެ ގިނަ ޓީމު މުބާރާތުގައި ބައިވެރިވެގެން ކަމަށެވެ.

  • - Registration Form މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު.