ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

Ad
rt

ނޯވޭއަށް ކުރިމަތިވި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެ ޤައުމުގެ ޝާހީ ޢާއިލާއަށާއި، ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައީސް ވަނީ ރައްދުކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރަސްގެފާނު ހެރަލްޑް 5ވަނައަކީ މުޅި ޢުމުރުފުޅުގައި ނޯވޭގެ ޝާހީ ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް އެ ފަދައިން ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރަސްގެފާނު ހެރަލްޑް 5ވަނައަކީ ސާބިތު ހިންގުންތެރިކަމެއް ދެއްކެވި، އަދި ނޯވޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުހަނު އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައި ރައީސްގ މެސެޖުގައި ސިފަކުރައްވާފައިވެއެވެ.

ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ގެއްލުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއީ ރަސްގެފާނުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކާއި އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަންނަ އެންމެހާ ފަރާތްތަކަށްވެސް ލިބިގެންދިޔަ ފުން ހިތާމައެކެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ރަސްގެފާނު ހެރަލްޑް 5ވަނައިގެ ޚިދުމަތްތަކުގެ ހަނދާންތަކުން ޝާހީ ޢާއިލާއަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.