އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޕާޓީގެ އެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބައެއް ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ޢަބްދުﷲ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަގާމުން އިސްތިއުފާދެއްވުމަށް އަހްމަދު ފޮނުއްވި އިސްތިއުފާގެ ސިޓީ އޭނާ ވަނީ މީސް މީޑިއާގައި އާންމުކުރަށްވާފައެވެ. އަދި އެ ސިޓީ އާންމުކުރެއްވީ އިސްތިއުފާދެއްވި ސަބަބުން އަންގައިދިނުމަށް ކަމަށް ވެސް އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.
އެ ސިޓީގައި އޭނާ ބަޔާންކުރައްވާފައިވާ ގޮތުގައި، ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާތީ، ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުމަށެވެ.
މީގެއިތުރުން އަހުމަދުގެ ސިޓީގައި ފާހަގަކުރައްވާފައިވަނީ، އެމްޑީޕީގެ ރައީސާއި ނައިބް ރައީސް އަދި ޗެއާޕާސަނާއި ޑެޕިއުޓީ ޗެއާޕާސަނަކީ އެ ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާ އެކު ކަށަވަރު ކޮށްދޭން ޖެހޭ ބައެއް ކަމަށެވެ.
އެހެންކަމުން، ޕާޓީގެ އިސް އެފަދަ މަގާމުތަކުގައި ތިއްބަވައިގެން ވަކި ކެންޑިޑޭޓަކަށް މަސައްކަތް ކޮށްދެއްވުމަކީ ކުރައްވައިގެން ވާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އަހުމަދު ޢަބްދުﷲ ވިދާޅުވެފައިވެއެވެ.
ކުރިން އިހަވަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަހްމަދު ފާހަގަކުރެވެނީ ޝާހިދުގެ ވަރަށް އަރިސް ބޭފުޅެއްގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!