ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މައްސަލަ އުޅޭ ފޯމުތަކުގެ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތު 21 ދުވަހަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫން ކަމަށްވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން އެފަދަ މައުލޫމާތުތަކާއި ލިޔެކިޔުންތައް އިސްލާހުކޮށް ހުށަހެޅުމަށް ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.
އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު، ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓްރީން އިތުރުކޮށްދިން 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމާއި، ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިގެންދާނެއެވެ.
މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނެއް ބެލެވޭނީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.
މި ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ދިނުމަށާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިން މިނިސްޓްރީގައި ހެލްޕް ޑެސްކެއްގެ އިތުރުން ކޯލް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އެ ކޯލް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 900-4004 އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ކޯލް ސެންޓަރާއި ހެލްޕް ޑެސްކުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އާ ހަމައަށް އާންމުންނަށް ލިބެން ހުންނާނެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން ހައުސިން މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 އެޕްލިކޭޝަނާއި، ބިމަށް އެދި ހުށަހަޅާފައިވާ 22،575 އެޕްލިކޭޝަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!