ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Ad
rt

ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެއީ މުޅިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ. އަދި މިގޮތަށް ބޭރު ފައިސާ މާރުކުރަން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މަމްދޫހު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ޓޫރިސްޓު ހޮޓާ އަދި ގެސްޓުހައުސް ފަދަ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރުން ހިމެނެއެވެ. މީގެ އިތުރުން ޓޫރިސްޓު ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތަކުގެ އިތުރުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުގެ އާމްދަނީގެ 40 ޕަސެންޓް ވެސް މާރުކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެފަދަ ތަންތަނަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ތަންތަން ކަމުގައިވާނަމަ، މާރުކުރަން ޖެހޭނީ މަހެއްގެ ތެރޭ ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 7 ޕަސެންޓެވެ.

މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ. އެހެންނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް މިހާރު ވަނީ ފާސްކޮށްފައެވެ.

މި އިސްލާޙު ހުށަހަޅުއްވާނެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވަނީ އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. ގަވަރުނަރު ވިދާޅުވީ، ޤާނޫނުގައި ކުރިން 20 އިންސައްތައިގެ ގޮތުގައި ކަނޑައެޅިފައި އޮތް ނިސްބަތް 40 އިންސައްތައަށް މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިންމު ބަދަލެއް ކަމަށެވެ.