ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
ކޭއާރުއެޗާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މި ޚިދުމަތް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޭއާރްއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޮދަރން އޭރިޔާ ކޮމާންޑަރުގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅުދުއްފުށީގައި ގާއިމްވެފައިވާ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
''މިއީ ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް.'' މި ޚިދުމަތް އިފްތިތާޙްކުރުމާއި ގުޅިގެން ކޭއާރުއެޗުން ބުނެފަވެއެވެ.
ސެކިއުރިޓީ ހަރުދަނާކުރުމާއި ވަދެނިކުތުން ކޮންޓްރޯލް ކުރުން
މި ޚިދުމަތް ތަޢާރަފްކުރެވުމާއެކު ބަލިތައް ފެތުރުން ހުއްޓުވުމަށާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން، ދޮރު ތަޅުލެވޭ އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފްކޮށް، ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތަކަށް، ޚާއްޞަކޮށް އީއާރު އަދި އެޑްމިޓްކޮށްފައިވާ ބަލިމީހުން ތިބޭ ވޯޑުތަކަށް ވަދެނިކުމެވާ ފަރާތްތައް މޮނީޓާ ކުރަމުން ގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ ސަރަހައްދުތައް 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް ބަލަހައްޓަމުންދާނެ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޭއާރުއެޗުގައި ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފަށަނީ
މީގެ އިތުރުން، އެހީތެރިޔާގެ ފާސްނެތި އެޑްމިޓްކޮށްފައިވާ ބަލިމީހުން ތިބޭ ސަރަހައްދުތަކަށް ވަދެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ޒިޔާރަތްކުރުމުގެ ވަގުތުތަކުގައެވެ. އަދި އެއް ފާސް ބޭނުންކޮށްގެން އެއް ފަހަރާ އެކަކަށްވުރެ ގިނަ މީހުން ވަނުމަކީ މަނާކަމެއް ކަމަށާއި، ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތަކަށް މީހުން ވަދެނިކުމެ އުޅޭ މިންވަރު ސްޕެޝަލް ކޮންސްޓަބުލަރީގެ ފަރާތުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ޒިޔާރަތްކުރުމުގެ ވަގުތުތަކާއި އުޞޫލުތައް
ކޭއާރްއެޗްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ވޯޑުތަކުގައި ތިބޭ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތްކުރުމުގެ ވަގުތަކީ ހަވީރު 17:00 އިން 19:00 އަށެވެ. އަދި އައިސީސީޔޫއަށް ޒިޔާރަތް ކުރުމުގެ ވަގުތަކީ ހެނދުނު 10:30 އިން 11:00 އަށް އަދި ހަވީރު 16:30 އިން 17:00 އަށެވެ.
އައިސީސީޔޫއަށް ޒިޔާރަތްކުރެވޭ ކޮންމެ ވަގުތެއްގައި ވެސް އެއް ބަލިމީހެއްގެ ގާތަށް އެންމެ ގިނަވެގެން ވަދެވޭނީ ތިން ފަރާތަކަށެވެ. މީގެއިތުރުން، އައިސީސީޔޫއަށް ޒިޔާރަތްކުރާ ވަގުތުގައި ބޭނުންކުރަންވާނީ ގޭޓް 3 އަދި ވޯކްވޭގެ "ކާނި ވިންގް" ދޮރު ކަމަށާއި، ވަގުތު ހަމަވުމުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކުން، މުވައްޒަފުންނާއި ޑިއުޓީގައި ތިބޭ ފުލުހުންގެ އިރުޝާދުތަކަށް އެއްބާރުލުން ދެއްވުމަށް ކޭއާރްއެޗްއިން އެދިފައިވެއެވެ.
"ސްޕެޝަލް ކޮންސްޓެބިއުލަރީ" ހިދުމަތަކީ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ބެލުމުގެ ދަށުން ދެވޭ ހާއްސަ ސެކިއުރިޓީ ހިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!